މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފިޔޯރީގައި ކުރިއަށްދާ “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021″ ގެ އަންހެން ޑިވިޝަންގެ 9 ވަނަ މެޗުން، ފަރެސްމާތޮޑާ އަންހެން ޓީމު ބަލިކޮށް ފިޔޯރީ އަންހެން ޓީމުވެސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުން ފަރެސްމާތޮޑާގެ މައްޗަށް ފިޔޯރީއިން ކުރިހޯދާފައިވަނީ 3-0 ސެޓުންނެވެ.
މެޗު ފެށިގެން ފުރަތަމަ ސެޓުގައި ފިޔޯރީއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ފަސޭހަކަމާއެކު އެސެޓު ކާމިޔާބު ކޮށްފައިވަނީ 25-17 އިންނެވެ.
ފުރަތަމަ ސެޓުން ލިބުނު ތަޖުރިބާގެ އަލީގައި ދެވަނަ ސެޓުން ފަރެސްމާތޮޑާއިން ކުޅުން ރަގަޅުކޮށް އެސެޓުން ރަނގަޅު ނަތީއްޖާއެއް ނެރެން މަސައްކަތް ކުރި ނަމަވެސް ފިޔޯރީއިން ވަނީ އެސެޓުވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން އެސެޓު ފިޔޯރީއިން ކާމިޔާބު ކުރީ 25-21 އިންނެވެ.
މެޗުގެ ފަހު ސެޓުން އިތުރަށް ކުޅުން ވަރުގަދަކޮށް ފަރެސްމާތޮޑާއިން ވަނީ އެއްވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު ފަހުސެޓުވެސް ފިޔޯރީއިން ވަނީ ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. ފަހު ސެޓު ފިޔޯރީއިން ކާމިޔާބުކުރީ 25-20 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިޔޯރީ ޓީމްގެ ޖަރޒީ ނަންބަރު 7 އައިމިނަތު އަރީޝާއެވެ.
ފިޔޯރީ އަންހެން ޓީމުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވާއިރު، މިރޭ ފުރަތަމަ ކުޅުނު މެޗުން ފިޔޯރީ ފިރިހެން ޓީމުވެސް ވަނީ ފަރެސްމާތޮޑާ ފިރިހެން ޓީމާ ބައްދަލުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މިމެޗުން ބަލިވުމުން ފަރެސްމާތޮޑާ އަންހެން ޓީމު ދެން ކުޅޭނީ ސެމީ ފައިނަލުގައެވެ.
މިމުބާރާތުގެ މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ މަޑަވެލި އަދި ގައްދޫ ބައްދަލުކުރާ މެޗުތަކެވެ. އެގޮތުން މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގައްދޫ އަދި މަޑަވެލި ބައްދަލު ކުރާ މެޗެވެ. އޭގެ ފަހުގައި ދެން މުބާރާތުގެ އަންހެން ޑިވިޝަންގެ ގައްދޫ އަދި މަޑަވެލި ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ރޭގަނޑު 20:00 ގައެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.