ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި ކުދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގަވައިދު އާންމުކޮށްފި އެވެ.
މިޤަވައިދުގައިވާ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތިން ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ އެންމެ ކުދި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކެވެ. އެގޮތުން ބަލާލާއިރު:
– އެންމެ ކުދި ވިޔަފާރިތައް: 0-5 މުވައްޒަފުން ، އާމްދަނީ ފަސް ލައްކަ ރުފިޔާއާ ހަމައަށް
– ކުދި ވިޔަފާރިތައް: 6-30 މުވައްޒަފުން، އާމްދަނީ ފަސް މިލިއަން ރުފިޔާއާ ހަމައަށް
– މެދުފަންތީގެ ވިޔަފާރި: 31-100 މުވައްޒަފުން، އާމްދަނީ 20 މިލިއަން ރުފިޔާއާ ހަމައަށް މިވަނީ ބަހާލެވިފައެވެ.
ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތައް ގިންތިކޮށް، ވިޔަފާރި އަށް ލިބިފައިވާ ގިންތިއަށް އަންނަ ބަދަލު ދަފުތަރުގައި ހިމަނައި، އެ މައުލޫމާތު އާންމުކުރުމުގައި މިނިސްޓްރީން އަމަލުކުރާނެ ގޮތް މި ގަވައިދުގައި ބަޔާންކޮށްފައެވެ. އަދި ގިންތި އަށް ނުފެތޭ ވިޔަފާރިތަކުން އެ ވިޔަފާރިއެއް ގިންތި ކުރުމުގައި ބަލާނެ މިންގަނޑާއި އެކަން ކުރުމަށް ހާއްސަ ފޯމިއުލާއެއް ވެސް ގަވައިދުގައި ހިމަނާފައިވެ އެވެ. މިއީ ނިސްބަތްވާ ގިންތި ދެނެގަނެވޭނެ ފޯމިއުލާއެކެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު، އަލަށް ރަޖިސްޓަރީކުރާ ކޮންމެ ވިޔަފާރިއަކުން، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރަން ހުށަހަޅާ ލިޔެކިޔުންތަކާ އެކު، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ކުރިއަށް ހިނގާ 12 މަސް ދުވަހުގެ މުއްދަތަށް ލަފާކުރާ އާމްދަނީ އާއި މުވައްޒަފުންގެ އަދަދަށް ނިސްބަތްކޮށް، ކޮންމެ ވިޔަފާރިއެއް ވެސް ގިންތިކުރަން ޖެހޭނެ ކަމަށެވެ.
މިނިސްޓްރީން އާންމުކުރި ޤަވައިދުގައި ވާގޮތުން އެސްއެމްއީ ގިންތި ކުރުމާ ގުޅޭ ގަވައިދުގެ ދަށުން ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުމުގެ ބޭނުމަށް ޓަކައި، އެއްވެސް ވިޔަފާރިއެއްގެ މުވައްޒަފުންގެ އަދަދު، ނުވަތަ ޖުމުލަ އާމްދަނީގެ އަދަދު، އަދި ސާފު ފައިދާގެ އަދަދު، ގަވައިދުގައި ބަޔާން ކުރާ އަދަދުތަކަށް ވުރެ އިތުރުވާ ނަމަ، އެ ވިޔަފާރިއަކީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ނުބެލެވޭނެއެވެ.