ހޯމްސްޓޭ ޓޫރިޒަމް ގއ.ކޮލަމާފުށީގައި މިމަހު ފަހުކޮޅު ރަސްމީކޮށް ފެށިގެންދާނެކަމަށް ކޮލަމާފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކޮލަމާފުށީގެ ރައީސް އިބްރާހިމް ވަހީދު ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮލަމާފުށީގައި އަމިއްލަ ގޭގެ ކޮޓަރި ޓޫރިސްޓުންނަށް ވިއްކައިގެން ކުރާ ވިޔަފާރި، ހޯމްސްޓޭ ޓޫރިޒަމް އަދި ފަށާފައިނުވާ ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހުއްދައާއެކު ވަރަށް އަވަހަށް މިމަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ހޯމްސްޓޭ ޓޫރިޒަމް ކޮލަމާފުއްޓަށް ތައާރަފް ކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކައުންސިލުން ކުރަމުންގެންދާ ކަމަށާއި މިމަސައްކަތަށް ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯއާ ބެހޭގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެފޮޓޯއަކީ ކޮލަމާފުށީގައި ރަޖިސްޓްރީކޮށްގެން ހިންގާ ގެސްޓު ހައުސްއަކަށް ޒިޔާރަތް ކުރި ދެގެސްޓުންގެ ފޮޓޯއެއް ކަމަށެވެ.
“އެފޮޓޯއަކީ މިރަށު ރަޖިސްޓްރީކޮށްގެން ހިންގާ ގެސްޓު ހައުސްއަކަށް އައި ޓޫރިސްޓުންތަކެއް ނަގާފައިވާ ފޮޓޯއެއް. މިރަށުގައި އަދި ހޯމްސްޓޭ ޓޫރިޒަމް ފަށާފައި ނުވޭ. އެކަމަކު ވަރަށް އަވަހަށް ފެށިގެންދާނެ.” ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އާއަހަރާ ދިމާކޮށް ހޯމްސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފްކޮށް ރަސްމީކޮށް އެ ވިޔަފާރި ޖެނުއަރީ އެކެއްގައި މިވަނީ ފަށާފައެވެ. އެގޮތުން ހޯމްސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައިވަނީ މ. ދިއްގަރު “މޫރިތި”ގެއެވެ.
ހޯމް ސްޓޭ ތައާރަފް ކުރުމަށް ގެސްޓް ހައުސް ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީ ލުއިތަކެއް ގެނެސް އެއް ކޮޓަރިން ފެށިގެން މައްޗަށް މީހުން ދިރިއުޅޭ ގޭގެވެސް ހިމެނޭ ގޮތަށް ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ މިހާރު ދެވޭނެއެވެ.
މީގެ އިތުރުން ގަވައިދަށް ބަދަލުގެނައި އިރު ހޯމް ސްޓޭއަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރުކަށި އުސޫލުތަކެއް ވެސް ވަނީ އެކުލަވާލާފައެވެ.