ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ޖެހުނީ ކޮން ބައްޔެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.
ޖުމްހޫރީ މައިދާނުގައި ދިރިއުޅޭ ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި އުންތަކެއް ނަގައި ބަލިވާން ފަށައިފައިވާތީ އެމައްސަލަ އީޕީއޭއިން ބަލަން ފަށައިފިއެވެ. ބައެއް ކޮތަރުތަކުގެ ހާލު ދެރަވެ ކުރިން ކައި އުޅުނުގޮތަށް ކައިނޫޅެވޭ ކަމަށް އެސަރަހައްދުގައި އުޅޭ މީހުން މީޑިޔާއަށް މައުލޫމާތުދީފައިވެއެވެ.
މިމައްސަލައާއި ބެހޭގޮތުން ސުވާލުކުރުމުން އީޕީއޭ އިން ވިދާޅުވީ ކޮތަރުތަކަށް ޖެހުނީ ކޮންކަހަލަ ބައްޔެއްތޯ ބަލަމުންދާ ކަމަށެވެ.
ޖުމްހޫރީ މައިދާނަކީ ކޮތަރުގެ ހާއްސަ ޖަގަހައެކެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެކޮތަރުތަކަށް ކާންދީ ހިތްހަމަޖައްސާލަން ޖުމްހޫރީ މައިދާނަށް ދެއެވެ. އެހެންނަމަވެސް މިބަލިމަޑުކަމުގެ ތެރޭގައި މިފަދަ ކަމެއް ދިމާވުމުން އެސރަހައްދަށް ދާންވެސް ގިނަބަޔަކު ބިރުގަންނަ ކަމަށް ބައެއް މީހުން ބުނެއެވެ.