ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ގާނޫނުލް އުގޫބަތަށް ބަދަލު ގެންނަން ހުށައަޅާފައިވާ ބިލު ފާސް ނުކުރެވޭނަމަ އެމްޑީޕީގެ ސަރުކާރަށް ތާއިދު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ނެރުއްވި ބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕު ހަމައެކަނި ގޮތްދޫކުރުމުގެ އުސޫލުގެ މަތީ ތިބެގެން ނުވާނެކަމަށް މިއަދު ނެރުއްވި ބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވިއެެވެ. އަދި އޭގެ ބަދަލުގައި އެމްޑީޕީ އިން ގަބޫލްކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑާޝިޕްގެ ތެރޭ އޮންނަން ވާނެކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
“ރާއްޖޭގައި އެންމެ ފަހުން މީހަކު މަރާލަން ރާވާ ޓެރަރިސްޓު ހަމަލާ ދިނީ އަޅުގަނޑަށް. އަޅުގަނޑު މަރާލަން ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ މީހުން، އެހެން މީހުން ކާފަރުކުރުމަށް ހިންގާ އަމަލުގެ ތެރެއިން ހިންގި އަމަލެއް. އެ މީހަކު އެއީ ކާފިރެއްކަމުގައި ކަނޑައަޅާ ދެން އޮންނަނީ ފަތުވާއަކަށް ފަހު އޭނާ އަށް މަރުގެ އަދަބެއް ދިނުން. ދެން އޮންނަނީ ހަރުކަށި ޖިހާދީ ފިކުރުގެ މީހުން އެ ތަންފީޒުކުރުން. މިއީ ރާއްޖޭގައި މިހާތަނަށް ހަރުކަށި ފިކުރުގެ މަރުތައް ހިނގާ ދިޔަ ގޮތް. އޭގެ ތެރޭގައި ޑރ. އަފްރާޝިމްގެ މަރާއި، ރިލްވާނާއި، ޔާމީން ރަޝީދުގެ މަރު ހިމެނޭ. ނަފްރަތުގެ އަމަލު ހުއްޓުވާ ބިލް ވުޖޫދަށް ގެނައުމުގެ ބޭނުމަކީ މި ފަދަ ގޮތަކަށް ކާފިރު ކުރުމުގެ އަމަލު ހުއްޓުވުން،” – ނަޝީދު
ސަރުކާރުން މި ބިލް ހުށެއެޅުމާއެކު އަދާލަތު ޕާޓީން ވަނީ މި ބިލާއި ދެކޮޅު ހަދާފައެވެ. ނަފުރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އަލުން ފޮނުވުމަށް މަޖިލީހުގެ ތަޅުމުން މި މަހުގެ އަށްވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.
މި ބިލު މަޖިލީހަށް ހުށަހަޅައިދިން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިނަށް ނުރައްކަލާއި އިންޒާރު ކުރިމަތިވަމުންދާ ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ބުނެފައެވެ. އަދި މި މެމްބަރުން ވަނީ ހިސާންގެ ދިފާއުގައި ސަރުކާރުން ބަހެއް ނުބުނާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.