އިންތިޚާބާއި ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުއްލިއަކަށް ފެނި، މަޝްރޫޢުތައް ސްޕީޑުގައި ފެށިގެން ދިއުމަކީ ލަދުވެތިވާންޖެހޭ ކަމެއްކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިފަދައިން ވިދާޅުވީ އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކުއްލިއަކަށް ފަށަން ނިންމާފައިވާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައެވެ. ޝައިޚު ޒައިދު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އިންތިޚާބާއި ދިމާކޮށް ސްޕީޑުގައި ފެށިގެންދަކަމީ ލަދުވެތި ކަމެއްކަމަށެވެ.
ރައްޔިތުންގެ ބޭނުންތައް ފުއްދަން ޖެހޭނީ ކޮންމެ ފަހަރަކު އިންތިޚާބެއް ބޯމަތިވެގެން ނޫންކަމަށާއި، މިގޮތަށް ވަކި އިންތިޚާބަކާއި ދިމާކޮށް ފަށާ ކަންކަމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުންކަމަށް ޒައިދު ވިދާޅުވިއެވެ.
އިންތިޚާބާއި ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުއްލިއަކަށް ފެނި، މަޝްރޫޢުތައް ސްޕީޑުގައި ފެށިގެން ދިއުމަކީ ލަދުވެތިކަމެއް. ކަމެއް ކޮށްދޭން ޖެހޭނީ އިންތިޚާބަކާއި ވިއްދައިގެން ނޫން! މިގޮތަށް ފެށޭ މަޝްރޫޢު ތަކަކީ ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ބުނުމުގެ ޖާގަ އެބައޮތް. – އަލީ ޒައިދު
ސަރުކާރުން ކުއްލި ގޮތަކަށް ކޮމަންޑޫ ދާއިރާގެ ކަންކަން ކުރަން ރާވާފައިވާއިރު، މިކަމުގެ ކަންބޮޑުވުން އިލެކްޝަން ކޮމިޝަނުންވެސް ވަނީ ފާޅުކޮށްފައެވެ. ޚާއްސަކޮށް، ބަޖެޓުގައި ނެތް ކަންކަންވެސް ކުއްލިއަކަށް ބަޖެޓް ހަމަޖެހި ކުރުމަށް ނިންމުމާއި ގުޅިގެން ގިނަ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅާއި ދިމާކޮށް ސަރުކާރުން ކުރަމުންދާ ކަންތައްތަކަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ސިޔާސީ ޕާޓީތަކާއިއެކު ބޭއްވި ބައްދަލުވުމުގައި އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ކުއްލިއަކަށް ސަރުކާރުގެ މެނިސްޓޯގައާއި، އަދި ބަޖެޓުގައި ނެތްކަންކަން ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުންކަމަށް ބެލެވޭނެ ޖާގަ އޮންނާނެކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތްތަކުން އެފަދަ އަމަލުތައް ނުކުރުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ.