ފުލުހުންނަށް ބޭނުންވާ ވަޞީލަތަކާއި އެހީތެރިކަން ކުރިޔަށްވުރެ ރަނގަޅަށް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށާއި، ފުލުހުންގެ ޤާނޫނު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިޔަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަކުރެއްވުމުގައި ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަނީ އެ ސްޓޭޝަނުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ވަޞީލަތާއި ޢުމްރާނީގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭ ގޮތުންވެސް ޕޮލިސް ސްޓޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ އައު ޤާނޫނާއެކު ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި އަދި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން މިހާރު ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޖުތަމަޢަށް އެންމެ ބޮޑަށް ބޭނުންވަނީ ޤާނޫނުތައް ހިންގުންކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަމުގައެވެ. އަދި ފުލުހުންގެ މުއައްސަސާ އަށް އާންމުންގެ އިތުބާރު އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމުހުރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ޚިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި ޢާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމުހުރިއްޔާ ވަނީ ކުޅުދުއްފުށީގެ އެހެނިހެން މުއްސަސާތަކާއި ވެސް ބައްދަލު ކުރަށްވާފައެވެ. ރައީސުލްޖުމުހުރިއްޔާ މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުގައި ހދ. އަތޮޅުގެ ތިން ރަށަކަށް ދިޔުމަށްވަނީ ހަމަޖެހިފައެވެ.