15 ޖެނުއަރީ 2022 ވަނަ ދުވަހު އދ. މަންދޫ ކައިރީ ފަރެއްގައި ޑައިވް ކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކނޑު އަޑީގައި އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ. 15 ޖެނުއަރީ 2022 ވަނަ ދުވަހު ޑައިވް ކުރަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު 15:10 ގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނަށް ފެނިފައިވާ ކަމަށާއި، އެމީހާގެ ހަށިގަނޑު ނަގާފައިވަނީ ކަނޑުގެ 15 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ.
މަންދޫ ކައިރީ ފަރަކަށް ޑައިވްކުރަން ދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އުމުރުން 69 އަހަރުގެ އަންހެން ފަތުރުވެރިއަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން އޭނާ ހޯދަން ފަށާފައިވަނީ އިއްޔެ މެންދުރު ފަހު އެވެ.
ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް “ވެލާނާ” އިން ވަނީ ޑައިވަރުންނާއެކު އެސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އެގޮތުން ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެމަސައްކަތުގައި އެސަރަހައްދުގެ ރިސޯޓުތަކުގެ ޑައިވަރުންވެސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.