ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ތަހާރަތު ވަހީދު (ތަހާ) މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޑިރެކްޓަރ ކަމުގެ މަޤާމަށް އައްޔަން ކޮށްފިއެވެ.
ތަހާއަކީ ގިނަދުވަސްތަކެއް ވަންދެން ރާއްޖެ ޓީވީގައި މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ. ސަރުކާރުގެ ސިޔާސީ މަޤާމެއް ތަހާއަށް ދީފައިވަނީ 15 ހާސް ރުފިޔާގެ މުސާރައާއެކުގައެވެ. އެލަވެންސެއްގެ ގޮތުގައި 1000 ރުފިޔާ ދޭން ނިންމާފައިވާއިރު ފޯނު އެލެވެންސަށް 500 ރުފިޔާ ލިބިގެންދާނެއެވެ.
ރާއްޖެ ޓީވީގައި މަސައްކަތް ކުރުމަށްފަހު ތަހާ ވަނީ އަމިއްލަ ނިއުސްއެއް ކަމަށްވާ “ހަމަ” ނެރެފައެވެ.
މީގެކުރިންވެސް ރާއްޖެ ޓީވީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މިސަރުކާރުން ވަނީ ސިޔާސީ މަޤާމުތައް ދީފައެވެ. އެގޮތުން ދާދި ފަހުން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ރާއްޖެ ޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ރިޒްނާ ޒަރީރު ވަނީ ހަމަޖައްސައިފައެވެ. އަދި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު އާއި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އަހުމަދު މުހުސިން ވަނީ އައްޔަން ކޮށްފައެވެ.