ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަޖޫ ޖަހައި މަލާމާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރަކު، ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި މެދު ހެންވޭރު ދާއިރާގެ ޕީޕީއެމް މެމްބަރު އާދަމް ރަމީޒް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މުޚާތަބުކޮށް އޯޓިސްޓު މީހެއްކަމަށް ވިދާޅުވުމުން ޖެންޑަރ މިނިސްޓްރީން މިވަނީ އެކަން ކުއްވެރިކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޙާތަބްކޮށް ދަށު ދަރަޖއިގެ ބަސްތަކެއް މާލެ ސިޓީ ކައުންސިލްގެ މެމްބަރަކު، ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ވިދާޅުވެފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
1/4— Ministry of Gender, Family and Social Services (@MoGFSSmv) January 19, 2022
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަމީޒު ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލަށް އެއްވެސް ކަމެއް ވިޔަ ނުދޭން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އަކްރަމް ކަމާލުއްދީންކަމަށާއި އޭނާއަކީ “އޯޓިސްޓިކް” މީހެއްކަމަށެވެ.
މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރުގެ މިޢަމަލަކީ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ، ޢާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސައެހީތެރިކަމާއި ރައްކާތެރިކަން އުމުރުން ދުވަސްވީ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބެންޖެހޭ ޙައްޤު ގެއްލިގެންދިޔަ އަމަލެއްކަމަށެވެ. އަދި ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ)ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭ ވަގުތުތަކުގައާއި، އެހެނިހެން ވަގުތުތަކުގައިވެސް އެމީހުންނާއި ދިމާކުރުމާއި، ފޮށުމާއި، މަލާމާތްކުރުމާއި ފުރައްސާރަކުރުމަކީ މަނާކަމެއްކަމުގައި ބަޔާންކޮށްފައިވާ މާއްދާއަށް ފެތޭ އަމަލެއްކަމަށްވެސް ޖެންޑަރ މިނިސްޓްރިން ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ އަމަލުތައް ނުކުރުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ސިޓީ ކައުންސިލް ޖަލްސާގައި ހާއްްސައެހީއަށް ބޭނުންވާ ކުދިންނަށް ހަޖޫ ޖަހާ މަލާމަތް ކުރުން މީ ބަލައިގަނެވޭނެ ކަމެއް ނޫން pic.twitter.com/76sCfNBnMh
— Aishah Didi (@aishamdidi) January 19, 2022
އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރައްދުވާ ގޮތަށް އެފަދަ ބަސްތައް ބޭނުން ނުކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.