މިއަދުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން އެހޮސްޕިޓަލުން މަނާކޮށްފިއެވެ.
އެހޮސްޕިޓަލުން ވިދާޅުވި ގޮތުގައި މިދުވަސްވަރު ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރި ކަމަށް އެޅުނު ފިޔަވަޅެކެވެ. އެހެންކަމުން މިއަދުން ފެށިގެން ބަލިމީހުންނަށް ޒިޔާރަތް ކުރުން އެހޮސްޕިޓަލުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އެހީތެރިންގެ ގޮތުގައިވެސް ދެން މަޑުކުރެވޭނީ އެންމެ މީހަކަށެވެ. އެމީހަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް މީހެއް ކަމުގައި ވާންޖެހެއެވެ.
ކަމެއް ދިމާވެގެން ނުވަތަ އެމަޖެންސީއެއްގައި ހޮސްޕިޓަލަށް ދާންޖެހިއްޖެ ހާލަތެއްގައި އެންމެ އެކަށީގެންވަނީ އެކަނި އައުމަށް ކަމަށް އެޑީކޭއިން އިލްތިމާސްކޮށްފައިވާއިރު އެހީތެރިންގެ ގޮތުގައި ޑޮކްޓަރަށް ދައްކަންވެސް ދެވޭނީ އެންމެ މީހަކަށެވެ. ޑޮކްޓަރަށް ދައްކަން އައިސް އުޅުމުގައިވެސް މާސްކު އެޅުމާއި ސެނެޓައިޒަރ ބޭނުންކޮށް ގައިދުރުކަން އިސްކުރުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭގައި ކޮވިޑް-19ގެ ކޭސްތައް ދުވަހެއް ދުވަހެއް ދަނީ އިތުރުވަމުންނެވެ. އިއްޔެ މާލެ ސިޓީން ވަނީ 677 މީހުން ކޮވިޑަށް ފައްސިވެފައެވެ. އަދި އަތޮޅުތަކުން 680 މީހުން ފައްސިވެފައިވާއިރު ރިސޯޓްތަކުން 60 މީހަކު އިއްޔެ ވަނީ ފައްސިވެފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުުންދާތީ ވީހާވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.