މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އަދި އެމްޓީސީސީގެ ވަފުދެެއް ގދ ކާޑެއްދޫ އަށް ޒިޔާރަތްކޮށް އެތަނުގެ ޖެޓީގެ ހާލަތު ބައްލަވައިލައްވައިފިއެވެ.
އެމްޓީސީސީގެ ސީއީއޯ މިހާރު ހުވަދު އަތޮޅު ދެކުނުބުރީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކާޑެއްދޫ އެއަރޕޯޓަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައިފައިވަނީ މިއަދުއެވެ. މިދަތުރުފުޅުގައި އެމަނިކުފާނާއެކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކާޑެއްދޫ އެއަރޕޯޓު ޖެޓީ ހަލާކުވެ ވެއްޓުމާއި ގުޅިގެން ވަގުތީ ޖެޓީއެއް އެޅުމަށް އެމްޓީސީސީ އިން ވަނީ މިހާރު އެތަނުގައި ސަރވޭ ހަދާފައެވެ. އަދި އަވަސް މުސްތަޤްބަލެއްގައި ޖެޓީ ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ.
ކާޑެއްދޫ ޖެޓީ ހަލާކުވެ އެތަނުގެ ބޮޑުބައެއް ވެއްޓިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައެވެ.