ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ފަސް ރަށެއް ކުއްޔަށް ދޫކުރުމަށް އެކައުންސިލުން އިއުލާނު ކޮށްފިއެވެ.
ރަތަފަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަތަފަންދޫ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ރައްތަކުގެ ތެރެއިން ފަސް ރަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 1 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތް ތަކުން އެ ރަށްތައް ކުއްޔަށް ހިފުމަށް އަގުހުށަހަޅަންވާނީ ކޮންމެ ރަށަކަށް ވަކިވަކިންކަމަށްވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
ރަތަފަންދޫ ކައުންސިލުން ކުއްޔަށް ދިނުމަށް ނިންމާފައިވާ ރަށްތައް:
1- މޭރަގިއްލާ
2- ފާހުއްޓާ
3- ދެރުކުރެހާ
4- ދޯނިގިއްލާ
5- ކެރެއްދުވާ
މަތީގައި ދެންނެވިފައިވާ 5 ރަށް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ކުއްޔަށް ހިފަން ބޭނުންވާ ރަށާއި އަގު ހިމެނޭ ގޮތަށް ސިޓީ އެއް ރަތަފަންދޫ ކައުންސިލަށް ހުށަހެޅުމަށް އެކައުންސިލުން އެދެއެވެ. އަދި އެ ސިޓީ ހުންނަންވާނީ ބަންދުކުރެވިފައި ކަމަށާއި، ކުއްޔަށްހިފަން ބޭނުންވާ ފަރާތުގެ ނަމާއި ރަށުގެ ނަން ބަންދުކޮށްފައިވާ ސިޓީ އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަން ވާނެ ކަމަށެވެއް އެކައުންސިލުން ބުނެއެވެ.
ރަށް ކުއްޔަށް ނެގުމަށް ސިޓީ ހުށަހަޅަންޖެހޭނީ 2022 ޖެނުއަރީ 31 ވާ ހޯމަ ދުވަހުގެ 13:00 އަށް ގދ.ރަތަފަންދޫ ކައުންސިލް އިދާރާއަށެވެ. އަދި އެ ގަޑިއަށް ހާޟިރު ނުވާފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ރަށްތައް ކުއްޔަށް ހިފުމަށް އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް އެއްބަސް ވުމެއްގެ ދަށުން ރަށް ކުއްޔަށް ދޫކުރާނެއެވެ.