އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯހުގެ ފުރަތަމަ ބުރު ގދ.ތިނަދޫގައި ފަށައިފިއެވެ.
މި ކޯހަކީ ސައުތު ރީޖަންގެ އެދުމުގެ މަތިން ފޮރންސިކް ސަރވިސްއާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އިތުރުން ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ހިދުމަތް ފުޅާކޮށް ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަސީލަތްތައް ތަރައްގީކުރުމާއި ކަމާގުޅޭ ތަމްރީނު ލިބިފައިވާ، ކަމަށް ގާބިލު މުވައްޒަފުން އުފެއްދުމުގައި މަގުސަދުގައި ކުރިއަށް ގެންދާ ކޯހެކެވެ.
މިކޯހުގައި ސޯކޯ ހިދުމަތް އަވަސް ފުރުސަތެއްގައި ލިބުމާއި، މާއްދީ ހެކި އޭގެ އެންމެ ރަނގަޅު ވަގުތުގައި ނަގައި ތާޒާކަމާއެކު ލެބޯޓްރީ އާ ހަމައަށް ފޮނުވާއިރު، ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭ މުހިންމު މައުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި ފޮރެންސިކްގެ މައިގަނޑު އުޞޫލުތަކާއި، ކުށުގެވެށި ތަހުގީގު ކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކާއި، އަމިއްލަ ރައްކާތެރިކަމާއި، އަދި ކުށުގެވެށި ރައްކާތެރި ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި، ސީންތަކުގެ “ކޮންޓެމިނޭޝަން” ގެ މައްސަލަތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ކޯހުގެ ބައިވެރިންނަށް އުނގަންނައިދެވޭނެއެވެ. އޭގެއިތުރުން، ފިިޒިކލް އެވިޑެންސް، ޑްރަގް އެންޑް ކެމިކަލް، ޑިޖިޓަލް އެވިޑެންސް ގެ އިތުރުން ޓްރޭސް އެވިޑެންސް އާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް ހަމަޖެހިފައިވެއެެވެ.
މި ކޯހުގައި ބ،ވ،ފ،ގއ އަދި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެއެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ ފޮރެންސިކް ސަރވިސްގެ ކްރައިމް ސީން ސްޕެޝިއަލިސްޓުންނެވެ.