ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއިން ކޮވިޑް-19 ގެ ކޭސް އިތުުރުވުމުގެ ސަބަބުން ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (ޑރ.އޭއެސްއެމްއެޗް) އިން ސާމްޕަލް ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.
ޑރ.އޭއެސްއެމްއެޗް އިން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގދ.ތިނަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ގޭގެ އަށް ގޮސް ސާމްޕަލްނެގުން މެދުކަނޑާލާފައިވާ ކަމަށާއި، އަދި ތިނަދޫގައި ހުންނަ ކޮމިޔުނިޓީ ސެންޓަރުން ވަކި ވަގުތު ތަކުގައި ސާމްޕަލް ނެގުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
އެގޮތުން ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ކަރަންޓީނު ރިލީޒް ސާމްޕަލް ނެގުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް ނަގާއިރު، ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ މީހުންގެ ސާމްޕަލް ނެގުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 12:30 އިން ފެށިގެން 14:00 އަށް ނެގޭގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ރަށުން ބޭރަށް ދިޔުމަށް ނަގާ ސާމްޕަލްވެސް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 14:00 އަށް 15:00 އަށް ނެގޭނެ އިންތިޒާމް ވެސް ޑރ.އޭސްއެމްއެޗް އިން ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ޑރ.އޭއެސްއެމްޗް ގެ އިއުލާނުގައި ބުނެފައިވަނީ ބަލި ކޮންޓްރޯލް ކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެހެން ހޮސްޕިޓަލަށް ވަޑައިގަންނަވަން ނުޖެހޭނަމަ މިދުވަސްވަރު ހޮސްޕިޓަލަށް ވަޑައިނުގަތުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ރޯގާގެ އަލާމާތެއް ހުރިނަމަ އެ ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރ 1555 އަށް ގުޅުއްވާއިގެން ޓެލެކޮންސަލްޓޭޝަން ގެ ޚިދުމަތް ހޯއްދެވުމަށްވެސް އެދޭ ކަމަށެވެ.
ތިނަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާއިރު ވޭތުވެދިޔަ 24 ގަޑި އިރުތެރޭ 53 ވަނީ ފައްސިވެފައެވެ. އަދި ތިނަދޫގެ އެކްޓިވް ކޭސް މިވަގުތު ހުރީ 242 ގައެވެ.