ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ބުނީ، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކުއްޖާ އަށް ޖިންސީގޯނާ ކޮށްފައިވަނީ ކުއްޖާގެ ކާކުކަން ހާމަކޮށްފައި ނުވި ނަމަވެސް، “ހުވަދޫ ނިއުސް” އަށް މައުލޫމާތޫ ލިބިފައިވާ ގޮތުގައި އެކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރަނީ އެ ރަށު ކައުންސިލްގެ ނައިބްރައީސް އެވެ. އަދި އޭނާ އެކުއްޖާ އަށް ޖިންސީ ގޯނާ ކުރާތާ މިހާރު 3 އަހަރު ވެއްޖެ ކަމަށްވެސް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް މި މައްސަލައިގާ ފުލުހުން އަދި ޖެންޑާއިންވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނެތެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، ރާއްޖޭގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރު އުމުރުފުރައިގެ 15 ޕަސެންޓު ކުދިންނަކީ ކޮންމެވެސް އެއްގޮތަކުން ޖިންސީ އަނިޔާ ލިބިފައިވާ ކުދިންނެވެ.