ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
މީހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ދައުރު އަންނަ ފެބްރުއަރީ 11 ވަނަ ދުވަހަށް ހަމަވާނެއެވެ. އަދި އެ މަގާމަށް އަމްރު ވާދަކުރައްވަން ނިންމަވާފައިވާއިރު، މީޑިއާ ރިޕޯޓް ބުނަ ގޮތުން އަމްރުގެ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހުގައެވެ.
މިވަގުތު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓާރ މަޤާމު ފުރުއްވަމުން ގެންދަވާ އަމްރު އަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ ތައްޔާރު ކުރެއްވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރެއްވި އަމްރު ވަނީ ނިމިގެން ދިޔަ އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވާ އަދި އެ ގޮޑި ކާމިޔާބު ކޮށްފައެވެ.
ފަސް އަހަރު ދުވަހަށް އިންތިޚާބު ކުރާ އެމްޑީޕީގެ ޗެއާޕާސަން މަގާމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު ވެސް ކުރިމަތިލައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް، މިނިސްޓާރ މަހްލޫފުގެ ރަސްމީ ބަހެއް އަދި މިކަމުގައި ނުލިބެއެވެ.