ޚަބަރު
ބޮން ގޮއްވަން ޖެހުނީ ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ކަމަށް އަލްހާން ބުނެފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ހިނގަން މެދުވެރިވީ ސަބަބަކީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ”ގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ނުވާ ކަމާއި ބައެއްގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުމަކަށް ޖާގަ ދެމުން ދިޔައީ ވެސް ނަޝީދުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ހުޅަނގު ގައުމުތަކުގެ ސަގާފަތް ރާއްޖެއަށް ގެންނަން ނަޝީދު މަސައްކަތް ކުރުމަކީ ރާއްޖޭގައި ހައްދުފަހަނައެޅުމާއި މަގުމަތީ އިންސާފު ހޯދުމުގެ ވިސްނުން ބަޔަކުގެ ތެރޭގައި ފެތުރެން ފެށި އެއް ސަބަބު ކަމަށެވެ.

“ދިވެހިރާއްޖޭގެ ނެތް ކަމެއް ދޮން މީހުން އުޅޭ ގޮތަށް އުޅެން ވާނޭ ކިޔައިގެން ރައީސް ނަޝީދު ވެސްޓަން ސޮސައިޓީގައި ހުރި ކަންތައްތަކެއް އަޅުގަނޑުމެންގެ ސޮސައިޓީއަށް ގެންނަން މަސައްކަތްކުރީ އެއީ މިދަންނަވާ ހައްދު ފަހަނައެޅުން މިތަނުގައި އުފެދުނު އެއްސަބަބު ރަައީސް ނަޝީދު އެގޮތައް ވާހަކަ ދައްކަވާކަމަށްވެއްޖެއްޔާ ދީނީގޮތުންވެސް ބަޔަކު އެކަމާ ދިމާކުރާނެ” – އަލްހާން

އަލްހާން އިތުރަށް ވިދާޅުވީ މިފަދަ ގޮތަކަށް ވާހަކަ ދެއްކެވުމަށް ފަހު ދައުލަތުގެ ސެކިއުރިޓީއާއެކު އުޅުއްވީމާ ދެން ހަމަލާ އަމާޒުވާނީ އެކަހަލަ ގޮތަކަށް ކަމަށެވެ.

ނަޝީދުގެ އެފަދަ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމަށް އަސަރު ކުރާނެ ކަމަށާއި، އަދި އެއީ އޭނާ ކަމުގައިވިޔަސް އެހެންމީހެއް ކަމުގައި ވިޔަސް ދީނާ ޚިލާފު ވާހަކަތަތަކެއް ދައްކާ ނަމަ ކަންވާނީ މިފަދަ ގޮތަކަށް ކަމަށެވެ.

ދިވެހިރާއްޖެއަކީ މުސްލިމު ދައުލަތެއް ކަމަށާއި، އެހެން މިސްރާބަކަށް ރާއްޖެ ގެންދިއުމަކީ ރާއްޖޭގެ ސުލްހަ ގެއްލޭނެ ކަމެއްކަން މިހާރު ވެސް ފެންނަން އެބަ އޮތް ކަން އަލްހާން ވަނީ ފާހަގަކޮށްފައެވެ.