ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީގައި ކޮވިޑް 19 ފެތުރެމުންދާތީ ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާއި ފިޔަވަޅުތަކެއް އަޅަން ފިޔޯރީ ޓާސްކްފޯސް އިން ނިންމައިފިއެވެ.
މިރޭ ފިޔޯރީ ކައުންސިލުން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފިޔޯރީ ޓާސްކް ފޯސް އިން އެޅުމަށް ނިންމާފައިވާ ފިޔަވަޅު ތަކަށް ރަށުގެ ހުރިހާ ރައްޔިތުންވެސް އިޚްތިރާމްކޮށް އެގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.
ފިޔޯރީ ޓާސްކްފޯސް އިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް
- ޒަރޫރީ ބޭނުމެއްގައި ފިޔަވާ ގެއިން ބޭރަށް ނުނިކުތުމާއި ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ސޯޝަލް ސަޕޯޓް ޑެސްކުގެ ހުއްދަ ހޯދައި ބޭރުގައި އުޅޭ ވަގުތުގައި މާސްކް އަޅައިގެން އުޅުން
- ކުޅިވަރު ކުޅޭ ތަންތަނާއި، ޕާރކްތައް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުން
- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓާލުން
- އެއްފަހަރާ 3 މީހުންނަށް ވުރެ ގިނައިން ވަނުން މަނާކޮށް ފިހާރަތަކުން ޚިދުމަތް ދިނުމުގައި ޑެލިވަރީ އަށް އިސްކަން ދިނުން
- ކެފޭ ރެސްޓޯރެންޓް ތަކުން ޚިދުމަތް ހޯދުމުގައި ގައިދުރުކަން ބެހެއްޓުމާއި، އެއް މޭޒެއްގައި 3 މީހުންނަށް ވުރެ އިތުރަށް ނުތިބުން
- މާލެއިން ރަށަށް އަންނަ ފަރާތްތަކުން ވެކްސިން 2 ޑޯޒް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޕީސީއާރު ނެގަޓިވް ނަތީއްޖާ ކައުންސިލަށް ހުށަހަޅާއި ހުއްދަ ހޯދުން
- ކޮވިޑް19 އަށް ފައްސިވާ ފަރާތްތަކާއި، ކޮންޓެކްޓް ވާ ފަރާތްތަކުގެ އިތުރުން ބަލީގެ އަލާމާތް ހުންނަ ފަރާތްތަކުން ނަގާ ސާމްޕަލްގެ ނަތީއްޖާ ލިބެންދެން ގޭގައި މަޑުކުރުން
- ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުން
- މިސްކިތުގައި ގައިދުރުކަން ބެހެއްޓުމާއި، މާސްކް އަޅައިގެން ތިބުމާއި، ސާލާމް ނުކުރުމާއި، ގެއިން ވުޟޫ ކޮށްގެން ދިޔުން
- އެޗްޕީޢޭގެ ގަވާއިދާއި އެއްގޮތަށް އިދާރާ ތަކާއި، މުވައްސަސާ ތަކާއި، ކުންފުނި ތަކުން ޚިދުމަތް ދިނުން
- ބަލިމީހުންނަށް ފަރުވާހޯދުމަށް ފިޔޯރީ ސިއްޙީ މަރުކަޒަށް ގުޅައިގެން ފަރުވާ ހޯދުން
- މާލެ ދަތުރު ކުރާ ބޯޓު ތަކުގައި މަސައްކަތް ކުރާ ފިޔޯރީގައި ދިރިއުޅޭ ފަރާތްތަކުން 72 ގަޑިއިރުގެ ނެގަޓިވް ސާމްޕަލަކާއި އެކު މާލެއިން ދަތުރު ކުރުމާއި، ބޯޓު ތަކުން އަންނަ މީހުން ރަށަށް ފޭބުން ވަގުތީ ގޮތުން ހުއްޓާލުން
- ފިޔޯރީގައި ތިބި މަސްވެރިންގެ ތެރެއިން އެހެން ރަށްރަށުގެ ދޯނި ތަކުން މަހަށްދާ މަސްވެރިން ރަށަށް އައުމުގެ ކުރިން ކައުންސިލުގެ ހުއްދަ ހޯދުން
- ބަލީގެ އަލާމަތް ހުންނަ ފަރާތްތަކުން ސިއްހީމަރުކަޒުގެ ފްލޫކުލިނުކަށް ދުރުވެ ފަރުވާ ހޯދުން
ފިޔޯރީއިން މިއަދު ކޮވިޑް-19 އަށް 6 މީހަކު ފައްސިވެފައިވާއިރު، ރަށުގައި މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 10 އެކެވެ.