ގދ ނަޑެއްލާގެ މުޖުތަމައުގެ ތެރެއިން ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައިވާ މިދަނޑިވަޅުގައި އެރަށުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ފަރާތްތަކަށް ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲ ޝުކުރު އަދާކުރައްވައިފިއެވެ.
ނަޑެއްލާ އަށް އެހީތެރިވެދެއްވާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވަމުން އަތޮޅު ކައުންސިލްގެ ރައީީސް ފައިހަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަތޮޅުގެ ރަށްތަކުގެ ކައުންސިލް ތަކުންނާއި، މަޖިލިސް މެމްބަރުންނާއި ކްލަބް ޖަމްޢިއްޔާ އަދި ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކުން ނަޑެއްލާއަށް އެހީތެރިކަން ބޭނުންވެފައިވާ މިދަނޑިވަޅުގައި ވަމުންގެންދާ އެހީތެރިކަމަށް ޝުކުރު ދަންނަވާ ކަމުގައެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތުދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް ފައިހަތު ވިދާޅުވީ، ނަޑެއްލާގެ ހާލަތު ވަރަށް ގާތުން ބަލަމުންގެންދާ ކަމަށާއި، ނަޑެއްލާ އަށް މިވަގުތު ދަތުރުކުރަމުންދާ ކަމަށެވެ.
ގދ ނަޑެއްލާއިން ކޮވިޑްގެ ކޭސްތަކެއްފެނި އެރަށް މޮނިޓަރިންގްއަށް ލާފައިވަނީ ތިނަދޫއަށް އެރަށުން ގެންދިޔަ ބަލިމީހަކު ކޮވިޑް-19 އަށް ޓެސްޓް ހެދުމުން އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ، އެމީހާގެ ކޮންޓެކްޓް ޓްރޭސިންގްގައި ފާހަނގަ ކުރެވުނު 10 ފަރާތެއްގެ ތެރެއިން 9 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީއެވެ. އެގޮތުން އެރަށް މޮނިޓަރިންގ އަށްލާފައިވަނީ މިމަހުގެ 13 ވަނަދުވަހުއެވެ.
މިހާތަނަށް އެރަށުން ކޮވިޑް-19 އަށް 31 ފަރާތެއް ޕޮޒިޓިވްވެފައިވާއިރު، 3 ފަރާތެއް ވަނީ ބަލިން ފަސޭހަވެފައެވެ. މިވަގުތު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ފާހަނގަކުރެވިފައިވަނީ 28 ފަރާތެކެވެ.