ދުނިޔޭގައި ވަރަށް މަދުން ފެންނަ ކެންސަރުގެ ބާވަތަކަށް ފަރުވާ ހޯދަމުންދިޔަ އަލީ ސައިފް ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ސައިފް އަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔައިރު ހިތްވަރާއެކު އެހެން މީހުންނަށް މީސްމީޑިއާ މެދުވެރިކޮށް ނަސޭހަތް ދެމުންދިޔަ ޒުވާނެކެވެ.
ސައިފްގެ ކޮއްކޮ އަދި ގާނޫނީ ވަކީލެއް ކަމަށްވާ ހަމްޒާ ލަތީފް ކުރެއްވި ޓުވީޓެއްގައި ބުނީ، ސައިފް ނިޔާވެފައިވަނީ ރޭ ފަތިހު 5:42 ގައި ކަމަށެވެ. ސައިފް ނިޔާވީ ކެންސަރު ބަލީގައި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
އުމުރުން 40 އަހަރުގައި ސައިފް ނިޔާވިއިރު އަނތްބަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ސައިފް ފަރުވާ ހޯދަމުން ގެންދިޔައީ ‘ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ’ ކިޔާ ބާވަތެއްގެ ކެންސަރަކަށެވެ. އެ ބާވަތުގެ ކެންސަރު މިހާތަނަށް ޖެހުނުކަން ދުނިޔޭގައި ވެސް ރެކޯޑްކުރެވިފައިވަނީ ފަސް މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.
ސައިފް ނިޔާވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އޭނާ އަށް ހެޔޮ ދުއާކޮށް އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.