ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓުން މިނިވަން ކުރިނަމަވެސް މާގިނަ ދުވަހު އެމިނިވަންކަންމަތީ ނުހުރެވޭނެކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ކުރިމަތިލާ އެމްޑީޕީ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ކުރީގެ ކޯޓުތަކުން ފަޓާސްބަރިއެއްހެން މައްސަލަތައް ނިންމާ ހުކުމް ކުރިނަމަވެސް މިހާރު ކޯޓުތަކުން ހުކުމް ކުރާނީ އިންސާފުވެރިކޮށް ކަމަށެވެ. އަދި މާގިނަ ދުވަހަކު ދެން ޔާމީނަށް މިނިވަންކަމާއެކު ނުހުރެވޭނެ ކަމަށް ވައްޑެ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެއް ހުކުމުން ޔާމީން ސަލާމަތް ވިޔަސް އަދިވެސް އެތައް ވައްކަމުގެ މައްސަލައެއް އެމަނިކުފާނުގެ މައްޗަށް އުފުލޭނެ ކަމަށާއި ރ.އަތޮޅުން އެކަނިވެސް 15 ރަށް ވިއްކާލާ އެލާރިވެސް ޔާމިން ކާލީ ކަމަށް ވައްޑެ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި މިނޫނަސް މީހުންގެ ހަރުމުދަލާއި ގިނަ ރަށްތައް ވިއްކާލި ކަމަށް ތުހުމަތު ކުރައްވަމުން ވައްޑެ ވިދާޅުވީ މިއަދު މޭ ފުއްޕާފަ ވާހަކަ ދައްކަން ޔާމީން ލަދުގަންނަން ޖެހޭ ކަމަށެވެ.
ރާއްޖެ ހާލުގައި ޖެހޭ ކޮންމެ ވަގުތަކު އެހީތެރިވެދެނީ އިންޑިޔާއިން ކަން ފާހަނގަކުރައްވަމުން ވައްޑެ ވިދާޅުވީ މިހާރުވެސް އަތޮޅުތަކުގައި ހާލުދެރަ ބަލި މީހުންނަށް އިންޑިޔާގެ ހެލިކޮޕްޓަރުގެ ޒަރިއްޔާއިން އެހީތެރިވެދެއްވަމުންދާ ކަމަށެވެ.
އިދިކޮޅުން އިންޑިޔާ އައުޓް ގޮވަމުންދާއިރު ޔާމީންގެ ސަރުކާރުގައިވެސް އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަކަމަށް ވައްޑެ ތުހުމަތު ކުރެއްވިއެވެ.