ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
އެމްޓީސީސީ އިން ވިދާޅުވީ، ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
މިމަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރަތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫޢުއަކީ 53.1 މިލިއަންރުިފޔާގެ މަޝްރޫއުއެކެވެ.