ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބައިވެރިންގެ ފަރާތުން ޕްރެޝަރުތައް އަންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅަކީ މުޅިން ހަގީގަތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.
ސަރުކާރާ ގުޅޭގޮތުން ރައީސް ނަޝީދުގެ ކަންބޮޑުވުންތަށް ހިއްސާކޮށް ނަޝީދު އިނގިރޭސިބަހުން ނެރުއްވި ބަޔާނާގުޅިގެން ބޭރުގެ މީޑިއާތަކުން ރާއްޖޭގެ ސިޔާސީ މަޝްރަހާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމުގެ ޚަބަރުތައް އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.
މި ގޮތުން އިންޑިއާގެ “ދަ ހިންދޫ” ނޫހަށް ޖީހާން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ކޯލިޝަންގެ ބައިވެރިންގެ ސަބަބުން ވައުދުތައް ނުފުއްދޭ ވަރަށް ޕްރެޝަރުތައް ރައީސްއަށް ކުރިމަތި ކުރުވަމުން އަންނަ ވާހަކައަކީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
“އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނާ އެކު، އެ ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ. ރައީސް ޞާލިހް އިސްވެ ކޯލިޝަން ރޫޅައެއް ނުލައްވާނެ.”– ޖީހާން
ނަޝީދު އިނގިރޭސިބަހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ކޯލިޝަނެއްގެ ތެރެއިން މި ސަރުކާރަށް ވެރިކަން ލިބުނުނަމަވެސް ރައީސް ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށާއި ސަރުކާރުގެ ތެރޭގައި އަދާލަތުގެ ނުފޫޒު އިންތިހާއަށް ގަދަ ކަމަށެވެ.
އަދި ނަޝީދުގެ މި ވާހަކަފުޅުތަށް ދޮގުކުރައްވާ ރޭވަނީ އަދާލަތު ޕާޓިންވެސް އިނގިރޭސި ބަހުން ބަޔާނެއް ނެރެފަ އެވެ.