އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކްއެޓޯރިއަލް ހޮސްޕިޓަލާއި ޒޯން ސްޓޭޑިޔަމާއި ދެމެދު އޮތް ވަލުގައި ރޯވި އަލިފާންގަނޑު 12 ގަޑިއިރު ފަހުން ނިއްވާލެވުނުއިރު މުޅި އައްޑޫ ސިޓީ އޮތީ ކަނު އަނދިރީގައެވެ.
އެމްއެންޑީއެފުން ވިދާޅުވީ އިއްޔެ ހަވީރު 16:00ގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ރޭ ފަތިހު 4:00ގައި ކަމަށާއި އެސަރަހައްދު މިހާރު މޮނީޓަރިންގ ކުރަމުން ގެންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނާގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ސްޓޭޑިޔަމް ބިއްދޮށުގައި އޮންނަ ވަލުގައި ކަމަށެވެ. އެއަލިފާންގަނޑު ފެތުރެމުން ގޮސް ބޮޑު ސަރަހައްދަކަށް ފެތުރިގެން ގޮސްފައިވެއެވެ.
އަލިފާންގަނޑު ކޮންޓްރޯލްނުވުމުން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ފަޔަރ ފައިޓަރުންނާއި އެމްއެންޑީއެފް ގުޅިގެން މިއަލިފާންގަނޑު މިހާރުވަނީ ނިއްވާލެވިފައެވެ. އެހެންނަމަވެސް ރޭ ދަންވަރު 12:50 އެހާކަންހާއިރުން ފެށިގެން އައްޑޫ ސިޓީ އޮތީ ކަނު އަނދިރީގައެވެ.
އައްޑޫ ސިޓީން ކަރަންޓު ކެޑެން މެދުވެރިވި ސަބަބެއް ހާމަކޮށްފައިނުވެއެވެ.
މި ހާދިސާގައި ހިތަދޫ ވަލުތެރެއިން ދިހަ ވަރަކަށް ހެކްޓަރުގެ ސަރަޙައްދެއްގައި ރޯވެ އަނދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.