މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާ އަށް ދިޔަ އެއްވެސް ފަރާތެއް މިހާތަނަށް ކޮވިޑަށް ފައްސިވެފައި ނުވާ ކަމަކަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ފަރާތްތަކުން ބުނެފިއެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ 60،000 މީހުންނަށެވެ. މިއީ އެގުއުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ކަޑައަޅާފައިވާ ހާއްސަ މިންގަޑުތަކަކަށް ފެތޭ މީހުންނެވެ.
މި ގޮތުން އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރި ވުމަށް ފުރުސަތު ދީފައިވަނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން އެ ގައުމުން ގަބޫލުކުރާ ކޯވިޑް-19 ދިފާއު ވެކްސިން ތަކުގެ ތެރެއިން ވެކްސިނެއްގެ ދެ ޑޯޒް ޖަހާފައިވާ މީހުން އެކަންޏެވެ. މީގެ އިތުރުން އެއްވެސް ހައިރިސްކު ކެޓަގަރީއެއްގައި ހިމެނޭ ފަރާތް ތަކަށް ފުރުސަތު ދީފައި ނުވެއެވެ.
ސުންކު ނަގައި މިހާތަނަށް ހެދި ތަހުލީލުތަކުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ އެއްވެސް މީހަކު ކޯވިޑް-19ށް ފައްސި ނުވާކަމަށް ސައުދީގެ ސިއްހަތާއި ބެހޭ ވުޒާރާގެ އިސް ތަރުޖަމާން ޑރ. މުހައްމަދު ބުން އަލް-އަބްދު އަލް-އަލީ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ އިތުރަށް ވިދާޅުވީ ހައްޖުގެ އަޅުކަން ނިމުމާއި ހަމައަށް ހައްޖުގެ އަޅުކަން ކުރެވެން އޮތް އެންމެ ރައްކާތެރިކޮށް ކުރޭވެނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ.
އާންމު ހާލަތުގައި ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ސައުދީއަށް ދާއިރު، ދިވެހި ރާއްޖެއިން ވެސް ގިނަ އަދަދަކަށް މީހުން ހައްޖުވުމަަށް ދެއެވެ. އެހެން ނަމަވެސް މި އަހަރު ހައްޖު ވުމަށް ފުރުސަތު ލިބިފައިވަނީ އެންމެ ދިވެއްސަކަށެވެ.