އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ މުސްލިމު އަންހެން ދަރިވަރުން ސްކޫލްތަކާއި ކޮލެޖްތަކަށް ބުރުގާ އަޅައިގެން ކިޔަވަން ދިޔުން އިންޑިޔާގެ ކޯޓުންވެސް މަނާކޮށްފިއެވެ.
މުސްލިމް ދަރިވަރުން ބުރުގާ އަޅައިގެން ކިޔަވަން ދިޔުމުން ކްލާހަށް ނުވައްދާ މައްސަލައިގައި އިންޑިޔާގައި މުސްލިމުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. ހިންދޫން ދަނީ މުސްލިމް ކުދިންނަށް އެތައް ފުރައްސާރައެއްކޮށް މަގުމަތީ އުޅުންވެސް ދަތިކޮށްފައެވެ.
މިމައްސަލައިގައި އިންޑިޔާގެ މަސްރަހު ހޫނުވެފައިވާއިރު ބެންގަލޫރުގައި ހުންނަ ކަރްނާޓަކާ ސްޓޭޓްގެ ހައި ކޯޓަކުން ވަނީ، މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާ ކޮށްފައެވެ.
އިންޑިޔާގެ އިސްވެރިން ބުނާގޮތުގައި ސްކޫލްތަކާއި ކޮލެޖްތަކުގެ ޑްރެސްކޯޑަށް ކުދިން ތަބާވާންޖެހޭނެއެވެ. އެހެންނަމަވެސް އިންޑިއާގައި މުސްލިމުން އަންހެނުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު، އެގައުމުގެ މައިނޯރިޓީންގެ ހައްގުގައި ވަކާލާތު ކުރާ މީހުން ދަނީ މުސްލިމު އަންހެން ދަރިވަރުންގެ ހައްގުގައި އަޑު އުފުލަމުންނެވެ.
އިންޑިޔާގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީން ބޭނުންވާ ގޮތަށް ކަރްނާޓަކާގެ ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ހިޖާބު މަނާކުރުމަށް ތާއީދުކޮށްފައެވެ.
ބީޖޭޕީ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ޕާޓީއެވެ. މޯދީގެ ޒައާމަތުގައި ވީ އަށް އަހަރުގެ ތެރޭގައި އިންޑިއާގައި މުސްލިމުންނާމެދު ހިންގާ ލާއިންސާނީ ޖަރީމާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.