މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުންގެ ގޮތުގައ ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެންބަރުން ހޮވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރާ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރެއްވި ދެބޭފުޅުންނަކީ އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިންގ ޕާރޓްނަރ އަބްދުލް މަޖީދު އަލީ އާއި މޯޓެޒާ ކެޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރު ޣާލީ މުރުތަޟާއެވެ.
ޣާލީ މުރުތަޟާ އަކީ ހޮސްޕިޓަލިޓީ އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅަކަށްވާއިރު އަބްދުލް މަޖީދަކީ އެސްއެމްއީ ފައިނޭންސާއި، އޮޑިޓިންގ އަދި ގަވަނަންސް ދާއިރާގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ.
މިދެބޭފުޅުން މިމަޤާމަށް އައްޔަން ކުރެވުނީ ކުރިޔަށް އޮތް 3 އަހަރަށެވެ.
ޗެއަރޕާސަންގެ އިތުރުން ޕަބްލިކް ސެކްޓަރ ތަމްސީލް ކުރާ 3 މެންބަރުންނާއި ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރާ 4 މެންބަރުން ހިމެނޭހެން ޖުމްލަ 8 މެންބަރުން ޕެންޝަން އޮފީހުގެ ބޯޑުގައި ތިބެއެވެ.
13 މެއި 2009 ވަނަ އަހަރު ރާއްޖޭގައި ޤާއިމުވެގެންދިޔަ ޕެންޝަން އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތްތަކަކީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕެންޝަން ސްކީމްތައް ހިންގާ ބެލެހެއްޓުމާއި، ރިޓަޔަރމަންޓް ޕެންޝަން ޕޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ފޯރުކޮށްދިނުމާއި، ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އެކަށައެޅަންޖެހޭ މިންގަޑުތަކާއި ގައިޑްލައިންތައް ހެދުމާއި އަދި ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ.