ޚަބަރު
ރާއްޖެ އަދިވެސް ޔޫކޭގެ ރެޑް ލިސްޓުގައި

ކޮވިޑް ފެތުރޭތީ ރައްކާތެރި ނޫން ގައުމުތަކުގެ ގޮތުގައި އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ރެޑް ލިސްޓުން ރާއްޖެ ނުނަގާތީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ޑރ. ފަރަހަނާޒް ވިދާޅުވީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން އަދިވެސް ރާއްޖެ ނުނަގާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވުމުގެ ކުރިން އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރުވަމުން ނެވެ. ނަމަވެސް ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރުވުމުން އިނގިރޭސިވިލާތުގެ ރެޑް ލިސްޓަށް ރާއްޖެ ވަނީ އިތުރުކޮށްފައެވެ. މި ލިސްޓަށް އެރުމާއެކު އެނބުރި ގައުމަށް ގޮސް ކަރަންޓީނުވާން ޖެހޭތީ އިނގިރޭސިވިލާތުގެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ރާއްޖޭގެ އަބާދީއަށް ބަލައި ކޮވިޑް ފެތުރޭ މިންވަރު ބެލުމަށްފަހު ރާއްޖެ ރެޑް ލިސްޓުގައި ބާއްވުމަށް އިގިރޭސި ވިލާތުން ނިންމާފައިވާ ކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ މިހާރު ހާލަތާއި އަދި ބަލި ކޮންޓްރޯލް ކުރަން އަޅާފައިވައިވާ ފިޔަވަޅުތައް އިނގިރޭސިވިލާތާ އިތުރަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ކޭސްތަކުގެ އަދަދު ކުރިއާ ބަލާއިރު މިހާރު މިވަނީ ވަރަށް ބޮޑަށް ވެއްޓިފައި. އަދި 18 އަހަރުން މަތީގެ 72 ޕަަސެންޓް މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް 55 ޕަސެންޓް މީހުން ވަނީ ފުރިހަމަ ވެސް ކޮށްފައިވާ ކަން ޑރ. ފަރަހަނާޒްގެ ޓުވީޓުގައި ފާހަގަ ކުރެއްވިއެވެ.

 

Comment