ބިސްގަނޑެއް އަޅައިނުދީގެން ރިސޯޓެއްގައި މަސައްކަތްކުރި ކައްކާއަކު މަރާލި މައްސަލައިގައި މިއަދަށް ތާވަލް ކުރެވުނު އަޑުއެހުން ކެންސަލްކޮށްފިއެވެ.
10 ޖެނުއަރީ 2019 ވަނަ އަހަރު އދ.އެއްލައިދޫ ރިސޯޓުގައި ކައްކާ އަކަށް އުޅުނު ލަންކާ މީހެއް ކަމަށްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި މަރާލީ ރޭގަނޑުގެ ކެއުމަށް ބިސްގަނޑެއް އަޅައިނުދިން މައްސަލައިގައި ދެބިދޭސީންގެ މެދުގައި ހިނގާދިޔަ ޒުވާބެއްގެ ތެރެއިންނެވެ.
މި މައްސަލާގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކޮށްފައިވަނީ ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.
މިމައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކުރެވުނު ނަމަވެސް އިދާރީ މައްސަލައަކާއި ގުޅިގެން މިއަޑުއެހުން މިވަނީ ކެންސަލްކޮށްފައެވެ.
ޖަޔަލަތުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނާގޮތުން، ޕަތުމް ރައިސް ކުކާގައި އޮތް ދޭފަތެއް ނަގައިގެން ޖަޔަލަތުއާއި ދިމާއަށް ދިއުމުން އެ ތަނުގައި އޮތް ހަ އިންޗީގެ ވަޅިއެއް ނަގާފައި ދިލްޝަންގެ ކަރަށް ހަރާލާފައިވެއެވެ.
ކައްކާގެ ކަރަށް ވަޅި ހެރުމުން ރިސޯޓްގެ ކްލިނިކަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާވަނީ މަރުވެފައެވެ.
މި މައްސަލާގައި ޖަޔަލަތު ހައްޔަރު ކުރުމުން ފުރަތަމަ ކުށަށް އިއުތިރާފްވެ ފުލުހުންނަށް ބަޔާން ވެސް ދިނެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ފަހު ޝަރީއަތް ފެށި ފަހުން ކޯޓުގައި އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.