ގދ ފަރެސްމާތޮޑާ ކައިރީގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި އޭބީސީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޓާރމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗަރ އެސެމްބްލީ މަސައްކަތްތަކުގެ 81 އިންސައްތަ ވަނީ ނިމިފައި ކަމަށެވެ.
މިމަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމުގެ އިތުރުން ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިމަޝްރޫއުއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.