ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްސަލައިގައި ނިހާންގެ ދިފާއީ ހެކީންގެ ގޮތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ ނަން ހުށަހަޅައިފިއެވެ.
ނިހާންގެ މައްޗަށް ދައުލަތުންވަނީ ހަ ދައުވާއެއްއުފުލާފައެވެ. އެގޮތުން ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެއް ވަނީ އުފުލާފައެވެ.
މިދައުވާތައް ނިހާންގެ މައްޗަށް ސާބިތުވެއްޖެނަމަ ނިހާންއަށް 36 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެހެންކަމުން ނިހާންވަނީ ގިނަ އަދަދެއްގެ ދިފާއީ ހެކިން މިމައްސަލަތަކުގައި ހުށަހަޅާފައެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ނިހާންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕީޖީ ޝަމީމް ހިމެނޭއިރު ޝަފަހީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ރައީސް ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމްއެވެ.
މި ދެ ބޭފުޅުންނަކީ ވެސް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މަސައްކަތް ކުރައްވާފައިވާ ދެބޭފުޅުންނެވެ.
މީގެއިތުރުން ކުރީގެ މެންބަރު ރިޔާޒް ރަޝީދާއި އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، މެންބަރު އަހުމަދު ތޯރިގު އާއި މިހާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ހިމެނެއެވެ. އަދި މިނޫނަސް ކުރީގެ ބައެއް މަޖިލިސް މެންބަރުންގެ ނަންތައް ވަނީ ހުށަހަޅާފައެވެ.
ހެކިންގެ ތެރެއިން މަޖިލިސް މެންބަރުން ހުށަހަޅުއްވާފައިވަނީ މަޖިލީހުގައި ކަންތައްތައް ކުރާ ގޮތާއި ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި ކަންތައްތައް ނިންމާ ގޮތް ކޯޓުގައި ސާފު ކުރުމަށްޓަކައެވެ.
މިހާރު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އާއި އަދި ކުރިން އަހުމަދު އަދީބުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވާ މިހާރު ޕީޖީ ޝަމީމް އާއި ދެބޭފުޅުން ހުށަހަޅުއްވާފައިވަނީ އަދީބުގެ ފޯނާއި ލެޕްޓޮޕުން ހޯދާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުވާ ކަމަށާއި އެ މައުލޫމާތުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާކަން ސާބިތުކުރުމުގެ ގޮތުންނެވެ.
ކްރިމިނަލް ކޯޓުންވަނީ ދެފަރާތުގެ ކިތާބީ ހެކި ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ނިހާންގެ މައްޗަށް ގިނަ ދައުވާތައް ކޮށް ނިހާންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. އެހެންނަމަވެސް އެދައުވާތަކަށް ނިހާންވަނީ އިންކާރުކޮށްފައެވެ.
ނިހާންގެ ރޮލެކްސް ގަޑިއާއި ލަގްޒަރީ އެޕާޓްމެންޓާއި 70 މިލިއަން ރުފިޔާ ދައުލަތަށް ނަގަން ޕީޖީއިން ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.