ފަރުދުންގެ ކުރިއެރުމާއި، ދުނިޔެވީ ތަރައްގީގެ މައިގަނޑު އެއް އަސާސަކީ ވިސްނާ ފިކުރުކުރުން އަދި ޢިލްމު، ކަމަށްބުނުމާއިއެކު، ޢިލްމު އުނގެނުމާއި، ވިސްނާ ފިކުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ހުކުރު ޙުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.
ވިސްނާ ފިކުރުކުރުމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅާ ކަމެއްކަމުގައި ޚުޠުބާގައި ބުނެއެވެ.
“އަދި ތިމަން ރަސްކަލާނގެ، ކަލޭގެފާނަށް ޤުރުއާން ބާއްވައިލެއްވީ، އެއުރެންނަށް ބާއްވައިލެއްވި ތަކެތި މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރު ކުރުމަށްޓަކައެވެ.” މާތްﷲގެ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
އިންސާނާ ޙަލްޤު ކުރެއްވި ގޮތާއި، އިންސާނާއިއެކު މި ކައުނުގައި އަދި ކާއިނާތުގައި ލައްވާފައިވާ ތަކެއްޗާއި މެދު ފިކުރުކުރެއްވުމަށް އެންގެވި ޙުތުބާގައި ބުނެފައި ވެއެވެ. މާތްﷲ ޙަލްޤުކުރެއްވި ތަކެއްޗާމެދު ވިސްނާ ފިކުރުކުރުމަކީ އެކަލާނގެ މަތިވެރިކަން އިންސާނުންގެ ކިބައިގައި ބިންވަޅުނަގާނެ ކަމެކެވެ. އަދި ވިސްނާ ފިކުރު ކުރުމަކީ، އެކަލާންގެ އާއި އަޅުތަކުންނާއި ދެމެދުގައިވާ ގުޅުން ބަދަހިވެސް ވެގެންދާ ކަމެއްކަމުގައި ޚުޠުބާގައި ބުނެއެވެ.
ތަރައްޤީއާއި ތަމައްދުންގެ އިންޖީނަކީ ވެސް ކަންކަމާ މެދު ވިސްނާ ފިކުރުންކުރުން ކަމުގައި ޙުތުބާގައިވެއެވެ. އެގޮތުން ގައުމުތައް އިލްމާ ނުލައި ކުރިއަރައި ނުދާކަން ކުރިއަރާފައިވާ ޤައުމުތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.
އިންސާނާއަށް ފާއިދާކުރަނިވި އިލްމަކުން މެނުވީ ކުރިއަރައި ކުރިމަގު އުޖާލާ ނުވާނެކަމަށް ވެސް ޙުތުބާގައިވެއެވެ. އަދި މުސްތަޤުބަލު އުޖާލާކުރުމަށް ބޭނުންނަމަވެސް ހިފަންވީ އިލްމުގައިކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.
އިސްލާމީ ޢުންމަތުގެ ޢިލްމުވެރިންނަށް ބަލާއިރު، އޭގެތެރެއިން ގިނަ ބޭކަލުންނަކީ ޢިލްމަށްޓަކައި ދިރިއުޅުމުގެ ޒަރޫރީކަންކަން ވެސް ދޫކޮށްލެއްވި ބޭކަލުންނެވެ. އަދި ނަފްސުގެ ބޭނުންތައް އެއްފަރާތްކޮށް ޢިލްމަށްޓަކައި ވަގުތު ހުސްކުރެއްވި ބޭކަލުންގެ ތެރޭގައި އެބޭކަލުން ހިމެނޭކަމުގައި ޚުޠުބާގައި ބުނެއެވެ.
“އަހަރެންގެ ތައުލީމީ ހަޔާތުގައި އަހުރެންނާ ނުހަނު ބޮޑެތި ދަތިތަކަކާއި އުނދަގޫތައް ކުރިމަތިވިއެވެ. ޢިލްމަށްޓަކައި އަހުރެން އެކަންކަން ތަޙައްމަލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކަންކަން އަހުރެންނަށްވީ މާމުޔަށްވުރެ ފޮނި އެއްޗަކަށެވެ.” އިބްނު ޖައުޒީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ.
އިސްލާމްދީން ގޮވާލަނީ ހަމައެކަނި އިލްމު އުނގެނި އިލްމުވެރީންގެ ދަރަޖަ މަތިވެރިކުރާކަަށް ނޫނެވެ. މީގެ އިތުރަށް ތަފާތު ފަންނުތަކުން ކުރިއަރައިގެން ދިޔުމަށް އިސްލާމްދީން ބާރުއަޅައެވެ.
މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ޔަގީންކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައި ވެސް މެއެވެ. ފަހެ، ތިޔަބައިމީހުން، ވިސްނައިނުބަލަނީ ހެއްޔެވެ؟
އެއްވެސް ޤައުމަކަށް ޢިލްމާއި ނުލައި ކުރިއަރައި ތަރައްޤީއެއް ނުވެވޭނެއެވެ. ވިސްނައި ފިކުރު ކުރުމުގެ އިންޖީނަކީ ޢިލްމެވެ. ފައިދާ ކުރަނިވި ޢިލްމުން މެނުވީ ކުރިމަގު އުޖާލާއެއް ނުވާނެއެވެ. މުސްތަޤުބަލު އަމާނެއް ނުވާނެއެވެ. އިސްލާމްދީން ގޮވައިލަނީ ޢިލްމު އުނގެނުމަށެވެ.