ޚަބަރު
އުޟުހިޔާ ކަތިލުން ތިނަދޫގައި ކުރިޔަށް ގެންގޮސްފި

އީދު ދުވަހުގެ އިރު އުދަރެހުން އަރައިގެން އަންނަނީ، ﷲގެ މަގުގައި ކަތިލެވޭ ޤުރުބާނީއެއް ހަނދާން ކޮށްދެމުންނެވެ. ޢީދު ދުވަހަގު އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ޢީދު ނަމާދު ކުރުން ކުރިޔަށް ގެންދެވެއެވެ. ޢީދު ދުވަހުގެ އުޟުހިޔާ ކަތިލުން ކުރިޔަށް ގެންދެވެނީ ޢީދު ނަމާދަށް ފަހުއެވެ.

އުޟުހިޔާގެ ގޮތުގައި ގިނައަދަދެއްގެ ބަކަރި ކަތިލުން ތިނަދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ބަކަރިތައް އީދަށް ކަތިލުމަށް އިއްޔެގެ ވަގުތެއްގައި ގއ. ކޮލަމާފުށިން ތިނަދޫއަށް ގެނެސްފައިވާއިރު، ބަކަރިއެއްގެ އަގު 5000ރ އަށް އަރައެވެ.

ބޮޑު ޢީދަކީ މުސްލިމުން ފާހަގަ ކުރާ ދެ ޢީދުގެ ތެރެއިން އެއް ޢީދެވެ. ބޮޑު ޢީދަކީ ޙައްޖުގެ އަޅުކަމާ ގުޅިގެން އަންނަ ޢީދެވެ. މި ޢީދުގެ އެންމެ މަތިވެރި އެއްކަމަކީ ﷲ ގެ މަގުގައި ކަތިލެވޭ ޤުރުބާނީތަކެވެ.

ކެރިފޯރުންތެރިކަން ލިބިފައިވާ ކޮންމެ މީހަކު އުޟުޙިޔާގެ ގޮތުގައި ނަޢަމްސޫފީގެ ތެރެއިން ޖަނަވާރެއް ﷲ ގެ މަގުގައި ކަތިލުން އެއީ ގަދަވެގެންވާ ސުންނަތެކެވެ. އުޟުހިޔާ ކަތިލުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުން އަންނަ ކަމެކެވެ. ކުރީ ޒަމާނުގައި އުޟުހިޔާގެ ގޮތުގައި ކުކުޅު ހާ ފަދަ ޖަނަވާރު ކަތިލެވުނު ކަމުގައި ވީނަމަވެސް، މިފަހަކަށް އައިސް، އީދު ފަދަ މުނާސަބަތު ތަކާއި ގުޅުވައިގެން ރާއްޖެއިން ބޭރުން ބަކަރި ފަދަ ތަކެތި އެތެރެކުރުން ގިނަވެފައި ވާކަން ފާހަގަކުރެވެއެވެ. މިފަހަކަށް އައިސް ރާއްޖޭގެ މަދު ބައެއް ރަށްރަށުގައި ބަކަރި ގެންގުޅޭކަންވެސް ފާހަގަކުރެވެއެވެ.