ރާއްޖޭގައި އުމުރުން 15 އަހަރު ފުރޭ ކޮންމެ ރައްޔިތެއްގެ ހިތުގައި ޤައުމީ ލޯތްބާއި، ވަރުގަދަ އަސްކަރިއްޔާއެއް ރާއްޖޭގައި ބޭއްވުމަށް ބަޑިޖަހަން ދަސްކޮށްދޭންޖެހޭ ކަމަށް ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ އިލްޔާސް ހުސައިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
“އިންޑިޔާ އައުޓް” ހަރަކާތަށް ތާއީދުކޮށް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުމުރުން 15 އަހަރުފުރޭ ކޮންމެ ރައްޔިތަކަށް އަސްކަރީ އަސާސީ މިންވަރު އެންމެ ކުޑަމިނުން ގައުމީ ލޯތްބާއި ބަޑިޖަހަން ދަސްކޮށްދޭން ޖެހޭކަމަށެވެ.
ސިޔާސީނުފޫޒުތަކުން ސަލާމްތެވެފައި އޮންނަ ވަރުގަދަ އަސްކަރިއްޔައެއް ރާއްޖޭގައި އޮންނަން ޖެހެއެވެ. އުމުރުން 15 އަހަރުފުރޭ ކޮންމެ ރައްޔިތަކަށް އަސްކަރީއަސްސި މިންވަރު އެންމެކުޑަމިނުން ގައުމީލޯތްބާއި ބަޑިޖަހަން ދަސްކޮށްދޭން ޖެހެއެވެ. #IndiaOut#Expel_Indian_Ambassador #SaveMaldives
— Ilyas Hussain Ibrahim (@illabe) February 25, 2022
އިލްޔާސް އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ސަރުކާރު މިއަދު އޮތީ ޤާނޫނީ އަދި ދުސްތޫރީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުން ވެރިކަމާ ހަވާލުވެ އަވަސް އިންތިޚާބެއް ބާއްވައިގެން ނޫނީ ދުސްތޫރީ ވެރިކަމެއް އިއާދަ ނުކުރެވޭނެ ކަމަށެވެ. އަދި މިމައްސަލަ މަޖިލީހަށް ވެއްދުމަށް އިލްޔާސް ވަނީ އިދިކޮޅު ޕާޓީތަކަށް ގޮވާލާފައެވެ.
ދިވެހިސަރުކާރު މިއޮތީ ގާނޫނީ، އަދި ދުސްތޫރީހުސްކަމެއްގެ ތެރޭގައެވެ. އިދިކޮޅުން މިމައްސަލަ މަޖިލީހަށް ވައްދާއި ވެރިކަމާއި މަޖިލީހުގެބާރުން ހަވާލުވެ، އަވަސް އިންތިޚާބަކަށް ގެންގޮސްގެން ނޫނީ ދުސްތޫރީވެރިކަމެއް އިއާދައެއް ނުކުރެވޭނެއެވެ!! އޮޅުމަކަށްހަދާއި ގައުމުބޮސްލުންލިޔަނުދޭށެވެ!!
— Ilyas Hussain Ibrahim (@illabe) February 26, 2022
އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާއި އިލްޔާސްވެސް ދެކޮޅުކަން ހާމަކުރައްވާފައިވާއިރު “އިންޑިޔާ އައުޓް” ހަރަކާތެއް އިއްޔެ ގއ.ވިލިނގިލީގައިވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ހުވަދު އަތޮޅުން ޔާމީންއަށް ސަޕޯޓްކުރާ ގިނަ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ވިލިނގިލިން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ހުވަދު އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކޮށް ޔާމިން ވިދާޅުވެފައިވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ތިބި ސިފައިން ލައްވައި، ސިޔާސީ މީހުން ބުނާހާ ކަމެއް ނުކުރެވޭނެކަމަށާއި، ސިފައިންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިއަދާއި ހަމައަށްވެސް އިންޑިއާއާއިއެކު ވެފައިވަ އެއްބަސްވުންތައް ހާމަކުރަން ނުކެރެނީ އޭގައި އިންޑިއާގެ ކަނޑުގެ އަޑިނޭގޭވަރަށް ސިއްރު ކަންތައްތަކެއް ހުރުމުންކަމަށެވެ. މިއަދު އިންޑިއާގެ ސިފައިން ތިބި ހަނިމާދޫއާއި، އުތުރު ތިލަފަޅަށް ދިވެހި ދައުލަތުގެ އެއްވެސް ބާރެއް ނުހިނގާނެކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ވަރަށް ފުޅާ ދާއިރާއެއްގައި އަންނަނީ އިންޑިއާ އައުޓް ކެމްޕެއިނެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ ޢާންމުން މި ހަރަކާތުގައި ދަނީ ބައިވެރިވަމުންނެވެ.