އެމްޑީޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަގުނަ ބަދަލުތަކެއް ރާއްޖެއަށް ގެނެސްދިން ޕާޓީއެއް ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އޭނާގެ “ހިންގާލަން ކެމްޕެއިން” ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެމްޑީޕީގެ ދުވެލި ދަށްވެފައިވާ ކަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީއަކީ ކުދިކުދި ސިކުނޑިތަކެއްގެ ވިސްނުންތަކެއްގައި ތާށިވެފައި އޮންނަން ޖެހޭ ޕާޓީއެއް ނޫންކަން ކަމަށެވެ.
ދިވެހި ވެރިކަމުގެ ތެރޭގައި އަށަގަނެފައި އޮތް އަނިޔާގެ ސަގާފަތުން ވީއްލުނީ އެމްޑީޕީގައި ތިބި އެ ޕާޓީއަށް ވަފާތެރި ސަޕޯޓަރުން ޖާނުންނާއި މާލުން އެތައް ގުރުބާނީއެއް ވެގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެންނަމުންދާ ހަގީގަތަކީ ޕާޓީގެ މަސައްކަތް ލަދުވެތިވާހާ ދަށްވެފައިވާތަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
“މި އޮޑި ކޮންމެ ކަނޑަކަށް ވެސް ހެޔޮވަރު ވާނެ، ހަގީގަތަކީ ކޮންމެ ވެސް ވަރަކަށް އޮޑީގެ ސްޕީޑް ދަށްވެއްޖެ، އޮޑި މަރާމާތު ކުރަން ޖެހިއްޖެ، އޮޑީގެ ރިޔާ ސާފުކޮށްލަން ޖެހިއްޖެ،” ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވޭނީ އޭނާއަށް ކަމަށް ފައްޔާޒު ތަކުރާރުކޮށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އޮތީ ދެ ޕާޓީގެ ފެކްޝަންގެ މެދުގައި އޮތް ވާދަވެރިކަމެކެވެ. އެއީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ނަޝީދާއި، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ދެމެދު އޮތް ވާދަވެރިކަމެކެވެ.