މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމުގައި ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ ތިނަދޫ ކައުންސިލްގެ ނައިބްރައީސް ނަސްރުﷲ އަލީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނަސްރުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމެއް ނެތި ރިޔާސީ ވައުދުތައް ފުއްދުމަށް ސަރުކާރުން މަސައްކަތް ނުކުރައްވާތީ ކަންބޮޑުވެލައްވާ ކަމަށެވެ. އަދި އެމްޑީޕީގެ މައިގަޑު އަސާސްތަކާއި ޚިލާފުވެ، ޕާޓީގެ ރައީސް ނަޝީދަށް އިންސާފު ހޯދައި ނުދެއްވުމުން ވެސް ކަންބޮޑުވެލައްވާ ކަމުގައި ނައިބް ރައީސް ނަސްރުﷲ އަލީ ގެ ޓްވީޓް ގައި ވިދާޅުވިއެވެ.
އެމް ޑީ ޕީ ގެ މައިގަނޑު އަސާސް ތަކާ ހިލާފުވެ، ޕާޓީގެ ރައީސް ނަޝީދަށް އިންސާފު ހޯދައިނުދެވި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމެއްނެތި އަދި ރިޔާސީވައުދުތައް ފުއްދައިދިނުމަށްސަރުކާރުން މަސައްކަތް ނުކުރާކަމީ ކަންބޮވާންޖެހޭ ކަމެއް.!
— Nasrulla Ali (@NasrullaAli11) July 20, 2021
ރައީސް ނަޝީދު އެމަނިކުފާނުގެ ގެ ކޮޅުން ނިކުންނަވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު އެންމެ އެދެވޭގޮތަކަށް ކުރިއަށް ނުގެންދާކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ތަކެއް ދަނީ އެކި ޕްލެޓްފޯމް ތަކުގައި ވިދާޅުވަމުންނެވެ.