މާލެއިން ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގައި އޮންނަ ވެލިގަނޑަށް ރޭ ފަތިހު ވެލައެއް އަރާ އޮތްވާ ފެނިއްޖެއެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) މިއަދު ފަތިހު ކަސްރަތުކުރަން ނުކުމެ އުޅުއްވަނިކޮށް ސިނަމާލެ ބްރިޖްގެ ވެލިގަނޑުގައި ވެލައެއް އޮތްވާ ފެނިގެން މޯޑްވަނީ އެވެލާގެ ވީޑިޔޯއެއް ނެގުމަށްފަހު ޓްވީޓްކޮށްފައެވެ.
ބާއްޖަވެރި ހެނދުނެއް. މާލޭ ބްރިޖް ކައިރިން ބޮޑު ވެލައެއް pic.twitter.com/OKLp6TuMcN
— Mohd Abdulla Shafeeg (@mashafeeg) February 27, 2022
ވެލާގެ ވީޑިޔޯ ޓްވީޓް ކުރަމުން މޯޑް ވިދާޅުވަނީ ދެފޫޓު ބައިގެ ވެލައެއް ވެލިގަނޑުމަތީގައި އޮތްވާ ފެނިފައިވަނީ ފަތިހު 5:55 ގައި ކަމަށާއި ދުވެ ނިންމާފައި ގޮސް ބަލާލިއިރު އެވެލާ ނެތް ކަމަށެވެ. އެވީޑިޔޯގައި ފެންނަ ވެލައަކީ ވެލާގެ ބާވަތްތަކުގެ ތެރެއިން މުސިންބީއެކެވެ.
މެމްބަރު ހިއްސާކޮށްފައިވާ ވީޑިޔޯއިން ފެންނަ ގޮތުގައި އެވެލާ އޮތީ ބިސް އަޅާންވެގެން ފަސްގަނޑު ކޮންނާށެވެ. މާލޭގައި މީގެ ކުރިން ވެލާ އަރައި އުޅުނީ މާލެ ވަށައިގެން ލާފައިވާ ތޮށި ކައިރީ ޤުދުރަތީ ގޮތުން އުފެދިފައިވާ ވެލިކޮޅަކަށެވެ.
ވެލާ ކަހަނބަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަކެއްޗެވެ. އެއެއްޗެހި ހިފާ ގެންގުޅުމަކީ މަނާ ކަމެކެވެ. އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެލާ ހިފައި ވެލާ ބިސް ނަގައި ހަދައެވެ.