މިސަރުކާރުން ޤައުމު ވަނީ 2 ކުނި ބިހަށް ވިއްކާލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާއިލް މަދީހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވަނީ އިންޑިޔާ ސިފައިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އެބަތިބި ކަމަށާއި އެހެންނަމަވެސް ތިބި އަދަދެއް އަންދާޒާ ކޮށްލަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިފަހުން މަޖިލީހުގެ ކޮމެޓީއެއްގައި ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާ ސިފައިން ރާއްޖޭގައި ބައިތިއްބަނީ ބިސް ފިޔާ އަދި ހަނޑު ފަދަ ބާވަތްތައް ނުލިބިދާނެ ކަމުގެ ބިރަށެވެ.
“ސަރުކާރުން، ދެން ވިދާޅުވީ އިންޑިއާ ސިފައިން ބައިތިއްބަން އެބަ ޖެހެޔޭ، ތިމަންނަމެންނަކަށް ބިހެއް ނުލިބެޔޭ، ފިޔައެއް ނުލިބެޔޭ، ހަނޑުލެއް ނުލިބެޔޭ، މިއީ ނޫންތޯ ދެއްކި ބަހަނާއަކީ” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުތަކުގެ މުއްސަދިކަން ދިވެހިންނަށް ވުރެ ބޮޑަށް އިންޑިޔާއަށް އެގެއެވެ.
މިއަދު ސަރުކާރުން އެތިބީ ކުނި ދެ ބިހަށް ގައުމު ވިއްކާލައިގެން ކަމަށާއި މިއީ އާދައިގެ ވާހަކައެއް ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.