ގދ މަޑަވެލީގައި ސަރުކާރުން ކުރިއަށް ގެންދާ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށިތާ 2 އަހަރު ވެއްޖެ ކަމަށާއި އަދި ނިމުނީ އެންމެ 40 އިންސައްތަ މަސައްކަތް ކަމަށް މަޑަވެލި ކައުންސިލުން ވިދާޅުވެއްޖެއެވެ.
މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން އަދި މެމްބަރު އަޒްހަރް ޢަބްދުﷲ ސަޢީދު (އަޒްހަރޓް) ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ނަރުދަމާ ނިޒާމް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން އެސްޖޭ ކުންފުންޏާ ޙަވާލު ކުރުމުން އެ ކުންފުނިން ވަނީ އެހެން ބަޔަކާ މަސައްކަތް ހަވާލު ކޮށްގެން ފަށާފައެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް މަސައްކަތް ފެންނަނީ ބޮޑު ބައެއް ނުނިމި ވާތަން ކަމަށް ރައީސް އާއި މެމްބަރު ފާހަގަ ކުރެއްވިއެވެ.
ކައުންސިލް މެމްބަރު އަޒްހަރް ވިދާޅުވީ މަސައްކަތް މާބޮޑަށް ލަސްވެ ދިގުދެމިގެން ދިޔުމުން އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ރަށުގެ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑަށް ބުރުލެއް އަރާފައިވާ ކަމަށެވެ. އަދި އެއީ ވަރަށް މުހިއްމު އަދި އަވަހަށް ނިންމަން ޖެހޭ ކަމެއްކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މެންބަރު އަޒްހަރްގެ ވާހަކަތަކަށް ތާއީދު ކުރައްވާ މަޑަވެލި ރައީސް ފިޔާޒް ވިދާޅުވީ އެރަށަކީ ކުރިމަގުގައި ވަރަށް މުހިންމު ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ތައްޔާރު ވަމުންދާ ރަށަކަށްވެފައި ނަރުދަމާ އާއި ފެންހޮޅި ފަދަ މަގުގެ އަޑިން ކުރަންޖެހޭ މަސައްކަތް ލަސްވުމުން އެއީ ސީދާ, ތަރައްޤީ ކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.
ހުވަދު އަތޮޅު މަޑަވެލީގައި ކުރިޔަށްދާ ނަރުދަމާގެ މަޝްރޫޢު އާއި ބެހޭގޮތުން އެ މަސައްކަތް ކުރަމުން ގެންދާ އެސްޖޭ އިން ބުނީ މަޑަވެލީގެ ނަރުދަމާ އެޅުމުގެ މަސައްކަތަށް ލަސްތަކެއް އައި ނަމަވެސް މިހާރު ވަރަށް ބާރު ސްޕީޑު ގައި ހުރިހާ ކަމެއްވެސް ކުރިއަށްދާ ކަމަށާއި ކުރިޔަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އެ ކުންފުނިން ބުނީ މިހާރު މަސައްކަތުގެ 80 އިންސައްތަ ވަނީ ނިމިފައި ކަމަށާއި ބާކީ ހުރި 20 ޕަސެންޓް މަސައްކަތްތައް ކުރުމަށް މާގިނަ ދުވަހެއް ވިޔަ ނުދޭންކަނަށެވެ.
އަންނަ ހަފުތާ ތެރޭގައި އައުޓްފޯލް އާއި ގްރެވިޓީ ލައިނާއި ޕަމްޕް ސްޓޭޝަންގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތަށް މިހާރު ވަނީ އެރޭންޖް ކުރެވިފަ. އެހެންވީމަ ބާކީ ހުރި 20 ޕަސެންޓް މަސައްކަތްތައް 3 މަސް ތެރޭގައި ނިމޭނެ – އެސްޖޭގެ އޮފިޝަލަކު ވިދާޅުވިއެވެ.
މަޑަވެލީގައި ދިގުލައިގެން ގޮސް ފައިވާ ނަރުދަމާ ނިޒާމް މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން މަޑަވެލީގެ ކައުންސިލުން ހާމަ ކޮށްފައިވާއިރު އެރަށުން ވާހަކަ ދެއްކި ގިނަބަޔަކު ވަނީ އެމޭރުމުން ވާހަކަ ދައްކާ، ނަރުދަމާ ނިޒާމްގެ މަސައްކަތް ދިގުލައި ދިއުމުގެ ސަބަބުން ގިނަ އުނދަގޫތަކާއި ކުރިމަތިވަމުންދާ ކަމަށް ބުނެފައެވެ.
މަޑަވެލި ނަރުދަމާ ނިޒާމް ގާއިމު ކުރުމަށް، ލޭބާ ކޮންޓްރެކްޓް މޮޑެލްގެ ދަށުން އެމަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ 19 އޭޕްރީލް 2018 ގައެވެ. އެކުންފުންޏާއި އެމަސައްކަތް ހަވާލުކުރީ އެއްބަސްވުމުގައި ސޮއިކުރާ ދވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.