އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓާސް ލިސްޓު އާންމު ކުރުމަށްފަހު އެލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.
އަންނަ އޭޕްރީލް މަހު 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރުވަނީ އާންމުކޮށްފައެވެ.
އެމްޑީޕީން ވިދާޅުވީ މިލިސްޓުތަކަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން elections@mdp.org.mv އަށް ޝަކުވާގެ ތަފްސީލާއިއެކު އައިޑީ ކާޑުގެ ކޮޕީއެއް އީމެއިލް ކުރެއްވުމަށެވެ.
އަދި ޝަކުވާ ހުށަހެޅުއްވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 10 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރު 12:00 އާއި ހަމަށް ކަމުގައި އެޕާޓީން ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީގެ މިފަހަރުގެ އިންތިޚާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވެފައިވަނީ ޗެއަޕާސަންގެ އިންތިޚާބުގައެވެ. މިއިންތިޚާބުގައި ވާދަކުރަނީ ރައީސް ސޯލިހުގެ ފެކްޝަނުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.
އެމްޑީޕީގެ އެތެރޭގެ މުހިންމު އިންތިޚާބުތަކެއް އޭޕްރީލް މަހު ބާއްވާއިރު އެޕާޓީގެ ކޮންގްރެސް އޯގަސްޓް މަހުގެ 4ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.