މާލޭގެ މިސްކިތަކަށް ކުޅު ޖެހުމުން ފުލުހުން ހައްޔަރުކުރުމަށްފަހު ޖަލު ހުކުމުން މިނިވަން ވުމުން ބަޔަކު ގަސްދުގައި ހަސަން ޒިޔާދަށް ހަމަލާދެމުންދާ ކަމަށް ޒިޔާދުގެ އާއިލާއިން ތުހުމަތުކޮށްފިއެވެ.
އާއިލާއިން ހާމަކުރި ގޮތުގައި ޖަލުން ސަލާމަތްވި ފަހުން ދެފަހަރު މަތިން ބަޔަކު ވަނީ ޒިޔާދަށް އަނިޔާކޮށްފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރ މަހު 27 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެޔަށް ބޮޑު ޤުރޫޕަކުން ވަދެ އޭނައަށް އަނިޔާ ކޮށްފައިވާއިރު މިދިޔަ މަހު 22 ވަނަ ދުވަހު ޒިޔާދު ގޭގައި އުޅެނިކޮށް ސައިކަލަށް އަރުވައިގެން ގެންގޮސް އޭނަ ތަޅާ އަނިޔާ ކޮށްފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ސައިކަލަށް އަރުވައިގެން ގެނދިޔަ ފަހަރު ޒިޔާދުގެ ފެނުނީ ހޮސްޕިޓަލުގައި ވަރަށް ސީރިޔަސް ހާލެއްގައި އޮތްވާ ކަމަށާއި އޭނަގެ ފުރާނަޔަށް ނުރައްކާ ވަމުންދާތީ މިކަންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެހީތެރިކަމެއް ބޭނުންވާ ކަމަށް އާއިލާއިން ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ.
އެފަހަރު ޒިޔާދަށް ވަރަށް އަނިޔާކޮށްފައި ހުރި ކަމަށާއި އެ އަނިޔާތަކާ ހެދި ޒިޔާދުގެ އުކުޅުވަޅުގެ އަދި ކަނާއަތުގެ އޮޕަރޭޝަނެއް ހަ ގަޑިއިރުގެ ތެރޭގައި ނުކޮށްފިނަމަ އޭނަގެ ފައި ބުރިކޮށްލަން ޖެހިދާނެކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އެހެންނަމަވެސް ޕޭޝަންޓަކީ ވަރަށް ވައިލެންޓް މީހެއް ކަމަށްބުނެ ހޮސްޕިޓަލުންވަނީ އޮޕަރޭޝަން ނުކޮށް އޭނާ ގެޔަށް ދޫކޮށްލާފައެވެ. އޭރު ޒިޔާދަށް ނުވެސް ހިނގޭ ކަމަށް އާއިލާއިން ބުނެއެވެ.
އާއިލާއިން އެދެނީ ސަރުކާރުގެ ދީލަތި އެހީއާއެކު ޒިޔާދު މަރުކަޒަކަށް ގެންގޮސްގެން ނަމަވެސް އޭނާ އަށް ފަރުވާ އާއި ރައްކާތެރިކަން ފޯރުކޮށް ދިނުމެވެ. ޒިޔާދަކީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހަކަށްވާތީ އޭނަގެ ފަރުވާއަށް ސެންޓަރަށް ފޮނުވައިދިނުމަށް އެދި އާއިލާއިން ވަނީ ސަރުކާރަށް ހުށަހަޅާފައެވެ.
ޒިޔާދަށް ލިބެމުންދާ އަނިޔާތަކުގައި ދައުލަތުގެ އިހުމާލުވާކަމަށް އާއިލާއިން ބުނެއެވެ. ސަބަބކީ މިސްކިތަށް ކުޅުޖެހި މައްސަލައިގައި ޒިޔާދު ހައްޔަރު ކުރުމަށްފަހު އޭނާއަކީ ނަފްސާނީ ބަލިމީހެއް ކަމަށް އެއް އިދާރާއިން ބުނެފައިވާއިރު އަނެއް އިދާރާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
އާއިލާއިން މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި މިސްކިތަށް ކުޅުޖެހި މައްސަލައިގައި ފުލުހުން ޒިޔާދު ހައްޔަރުކޮށްގެން ގިނަ ދުވަހު ޖަލުގައި ބޭއްވުމުގެ ސަބުން ނަފްސާނީ ގޮތުން އޭނައަށްވަނީ ގިނަ ބަދަލުތަކެއް އައިސްފައިކަމަށް ޑޮކްޓަރުންބުނެފައިވެއެވެ. އަދި އޭނާ އައީ ސައިކޯޓިކް ޑިސްއޯޑާއަށް އައިޖީއެމްއެޗުންނާއި ރާއްޖެއިން ބޭރުން ވެސް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށް މައުލޫމާތު ދީފައިވެއެވެ.