މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ކަނޑައަޅައިފިއެެވެ.
މަހްލޫފްގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނެންގެވި ކަމަށް ބުނެ އެވެ.
މިއަދުގެ އަޑުއެހުމުގައި ކަނޑައެޅީ މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތު ކޮށްދެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ.
މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުގައި ހުންނަވަނިކޮށް ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.
މަހްލޫފްގެ މައްސަލައިގެ ޝަރީއަތް މިއަދު ބާއްވާފައިވާއިރު، މިއަދު ހެނދުނު މަހްލޫފްވަނީ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި، އޭނާ މިދިޔަ 5 އަހަރާއި މި 3 އަހަރުވެސް އުޅެން ޖެހިފައިވަނީ ކޯޓުތަކުގައި ކަމަށް ބުނެފައެވެ.