ގދ ކާޑެއްދޫ އެއަރޕޯޓު ވިލާ ކުންފުނީގެ އަތުން އަތުލުމުގެ ސަބަބުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނުހޯދުމަށް ވިލާ ގްރޫޕްގެ ޗެއަރމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.
އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނީގެ ޗެއަރމަން ގާސިމް އިބްރާހިމް އާއި ވިލާ ގްރޫޕުން އެގޮތަށް ނިންމީ، ކާޑެއްދޫ އެއަރޕޯޓަކީ އާންމު މަސްލަހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ވާތީ ކަމަށެވެ.
ވިލާ އެއާ އާއި ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ، 2017 ގައި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.
އެ އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ 2018 ވަނަ އަހަރު އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
މިއަދު ރަސްމީކޮށް ކާޑެއްދޫ އެއާޕޯޓް ވަނީ ވިލާ އެއާއާ އަލުން ހަވާލުކޮށްފަ އެވެ. އެއާޕޯޓް އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތައް މި މަސް ނިމެންވާއިރަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިލާ އިން ބުންޏެވެ.
ވިލާ އިން ތާވަލުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދޭނެ އެވެ.