މާފުށީ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް އިތުރު ކޯޓްރޫމެއް ހުޅުވާލައިފިއެވެ.
މީގެކުރިން މާފުށީ ޖަލުގައި ހުރި 3 ކޯޓް ރޫމް މިހާރު މިވަނީ 05 ކޯޓް ރޫމަށް އިތުރުކޮށްފައެވެ.
މިއަދު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
ޖަލުގައި ކޯޓް ރޫމްތައް އިތުރުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހި، ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ޙާލަތުގައި ޝަރީޢަތް ބޭއްވުމުގައި އަދި އެ ފަރާތްތައް ކޯޓުތަކަށް އުފުލުމުގައި ދިމާވާ ދަތިތައް ކުޑަކުރުމެވެ.
އެގޮތުން ކްރިމިނަލް ކޯޓުން އަންދާޒާކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ބެކްލޮގް ކްލިއަރ ކުރުމަށް މަގު ފަހިވެގެންދާނެއެވެ. މިގޮތުން 13 ފެބަރުވަރީ 2022 ވަނަ ދުވަހު މާލެ ޖަލުގައި ރަސްމީކޮށް 03 ކޯޓް ރޫމް ވަނީ ބޭނުންކުރައްފަށާފައެވެ.
މި 05 ކޯޓް ރޫމްތަކުގެ ސަބަބުން ދުވާލަކަށް 25 ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެއެވެ. އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު މިހާރަށްވުރެ އިތުރު ވެގެންދާނެއެވެ.