މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހާގެ ތަހުގީގަށް، އަނިޔާ ލިބުނު އަންހެންމީހާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ފުލުހުންގެ ބަންދުން އިއްޔެ ދޫކޮށްލައިފިއެވެ.
ހެންވޭރު ރަތްވިލާ ހިނގުމުގައި ހުންނަ ގެއެއްގެ ތެރޭގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަދެ، އެފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރި މީހާއާއި އަނިޔާ ލިބުނު އަންހެން މީހާއާއި އޮންނަ ގުޅުމެއް ފުލުހުން ބުނެފައިނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ތަހުގީގަށް، އަނިޔާ ލިބުނު މީހާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ.
ތުހުމަތުކުރެވޭ މީހާ ދޫކޮށްލަން ޖެހުނީ ތަހުގީގުކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ ކަމަށާއި މައްސަލަ ފައިލް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.