ދުނިޔޭގެ އެކި އެކި ޤައުމުތަކުން ރަޝިޔާއަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންގެންދާތީ އެމީހުންގެ ޔޮޓްތައް ރާއްޖެއާ ދިމާލަށް މިސްރާބް ޖަހާފައިވާ ކަމަށާއި މިހާރުވެސް ރަޝިޔާ މަހުޖަނުންގެ 5 ޔޮޓް ރާއްޖޭގައި އޮތްކަމަށް ހުޅަނގުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.
މެރިން ޓްރެފިކް ވެބްސައިޓްތަކުން ދައްކާގޮތުގައި ރަޝިޔާގައި އެލުމިނިއަމް ވިޔަފާރިކުރާ ބިލިއަނަރު އޮލޭގް ޑެރިޕަސްކާގެ ލަގްޒަރީ ޔޮޓް “ކްލިއޯ”، ސްޓީލްގެ ވިޔަފާރިކުރާ އެލެގްޒެންޑާ އަބްރަމޯވްގެ ސުޕަޔޮޓް “ޓައިޓެން”، އަދި ރަޝިއާގެ އެންމެ މުއްސަނދި މީހާ ލަޑިމިއަ ޕޮޓަނިންގެ “ނިރްވާނާ” ގެ އިތުރުން ރަޝިޔާގެ ދެ ޔޮޓެއް ވަނީ ރާއްޖެ ސަރަހައްދުން ފެނުފައެވެ.
އެލެގްޒެންޑާ އަބްރަމޯވްގެ ސުޕަޔޮޓް ޓައިޓެން ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.
މީޑިޔާ ރިޕޯތްތައް ބުނާގޮތުގައި މިޔޮޓްތައް ރާއްޖެ އަންނަނީ ލަންކާ މަގުންނެވެ.
ރާއްޖެއަކީ އެމެރިކާ އިން މުދާ ހިފެހެއްޓުމާއި ގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމުގައި ނުހިމެނޭ ޤައުމަކަށްވާތީ ރާއްޖެ ސަރަހައްދަށް ވަނުމަށްފަހު އެމެރިކާއިން ނެރޭ އަމުރެއްގެ ދަށުން ރަޝިއާ ބިލިއަނަރުންގެ މުދާތައް ހިފެހެއްޓޭނެ ގާނޫނީ ހައިސިއްޔަތެއް ރާއްޖެއަކަށް ނޯންނާނެއެވެ.
އެހެންކަމުން މަހުޖަނުންގެ އެސެޓްތައް ފްރީޒްކޮށްފާނެ ކަމުގެ ބިރަށް އެމީހުން ދަނީ ރާއްޖެއާ ދިމާލަށް މިސްރާބް ޖަހަމުންނެވެ.
ޕުޓިންއަށް ތާއީދުކުރާ ރަޝިއާގެ މަހުޖަނުންގެ އެތައް ބިލިއަން ޑޮލަރަކާއި އެ މީހުންގެ މުދާތައް އެމެރިކާ އާއި ޔޫރަޕުން ވަނީ ހިފަހައްޓަން ފަށައިފައެވެ. އެގޮތުންޖަރުމަނުން ވަނީ ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ އަލިޝަ އުސްމަނޯވްގެ 512 ފޫޓުގެ އަދި 600 މިލިއަން ޑޮލަރުގެ ޔޮޓް ޑިލްބާ ހަމްބާގް ބަނދަރުން ހިފަހައްޓާފައެވެ. އެ މަހުޖަނަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަތި ކުރުމުގެ ފިޔަވަޅު އަޅާ މީހުންގެ ލިސްޓުގައި ހިމެނޭ މަހުޖަނެކެވެ.
މިކަމާ ބެހޭ ގޮތުން ރާއްޖޭ ސަރުކާރުގެ ބަހެއް ނުލިބޭ ކަމަށް ހުޅަނގުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.