ގއ. ކޮނޑޭގައި ހަތަރު ހެކްޓަރު ހުންނަ ވަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ތަކުގެ ބީލަން ކުރިއަށް ގެންދިއުމަށް، ޓޫރިޒަމް މިނިސްޓްރީ އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ގެސްޓް ހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓަރީ ފާތިމަތު ނިލްފާ އަދި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އަހްމަދް އަބްދުލް ހަކީމެވެ.
ލާމަރުކަރީ ގާނޫނު ދަށުން ޓޫރިޒަމް ބޭނުމަށް ބިން ދޫކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. ކޮނޑޭ ކައުންސިލުން ވިދާޅުވީ މިއީ ވަރަށް ދުރު ރާސްތާ ޕްލޭނެއް ކަމަށާއި އޭގެ ނަފާ ރަށުގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މިމަސައްކަތަށް ކަނޑައަޅާފައިވާ ބިންތައް އިންވެސްޓަރުންނަށް ދޫކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލެވިގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި ކައުންސިލްތަކާއެކު އަބަދުވެސް މަސައްކަތް ކުރުމުގައި އެއްބާރުލުން ދޭނެ ކަމަށާއި ލައުންސިލްތަކާއެކު މިނިސްޓްރީން ގާތް ގުޅުމެއް ބަދަހިވެފައިވާ ކަމަށެވެ.