ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް އުފައްދައިގެން ކަމަށާއި އެކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ތައުލީމީ ދާއިރާއިން ކަމުގައި ނައިބްރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ނައިބްރައީސް މިފަދައިން ވިދާޅުވީ، ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރިންސިޕަލުންގެ ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމުގެ ގޮތުން ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދުގެ ސަރުކާރުން އަދި ހާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުލީމީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމުގައި އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކޮށްފައި ވެއެވެ. މިގޮތުން، ސްކޫލުތަކުގައި ވަސީލަތްތައް ގާއިމުކުރުމާ އެކުއެކީގައި އެ ތަންތަނަށް ބޭނުންވާ ފެންވަރު ރަނގަޅު މުދައްރިސުންނާއި ޕްރިންސިޕަލުންގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ އެހެނިހެން ފަރާތްތައް ތަމްރީނު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ނާއިބުރައީސް ފާހަގަކޮށްފައި ވެއެވެ.
ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެށިގެންދާ ތަމްރީނުތަކަކީ މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭ ޕްރޮގްރާމަކަށް ހެދުން މުހިއްމު ކަމުގައިވެސް ނާއިބްރައީސް ވިދާޅުވި އެވެ.
ނައިބްރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ މިހާރުގެ ދުވެލީގެ ތެރެއިން ސްކޫލްތަކަށް ދިމާވެފައިވާ ގިނަގުނަ ދަތިތައް ހައްލުކޮށްދެވިގެންދާނެ ކަމަށެވެ. ސްކޫލުތަކުގައި އަދި ހާއްސަކޮށް މުޅި ތައުލީމީ ނިޒާމުގައި ހުރި ދަތިތަކާއެކުވެސް އެ ދާއިރާގެ މުވައްޒަފުން ކުރާ މަސައްކަތް ފާހަގަކުރައްވާ ނައިބް ރައީސް ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.
ސްކޮލާޝިޕް ފުރުސަތުތަކަށް ހޮވުނު ބޭފުޅުންނަށް އެކަމުގެ ލިޔުން، މިރަސްމިއްޔާތުގައި ނައިބްރައީސް ވަނީ ހަވާލުކޮށްދެއްވާފައެވެ.