މަސްވެރިންނަށް ހައްގުވާ މިންވަރަކީ ބާނާ މަހުން ކިލޯއަކަށް 1 ރުުފިޔާ ބޮޑުކުރުން ކަމުގައި ގަބޫލެއް ނުކުރެވޭ ކަމަށް ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިޙަތު ޤުދުރަތުﷲ ވިދާޅުވެއްޖެއެވެ.
ފައިހަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްވެރިންނަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ބުނެ އައި ސަރުކާރުން 16 ރުފިޔާއިން 17 ރުފިޔާއަށް މަސްކިލޯއެއް ބޮޑުކުރި އިރު، އެސްޓީއޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގުބޮޑު ކޮށްފައިވާ ކަމަށާއި، އެއީ މަސްވެރިންނަށް ހައްގުވާ މިންވަރު ނޫން ކަމަށެވެ.
މަސްވެރިންނަށް ހައްޤުވާ މިންވަރަކީ މިއީ ކަމަށް ގަބޫލެއް ނުކުރެވޭ. މަސްވެރިންނަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ބުނެ އައި ސަރުކާރުން 16 ރުފިޔާއިން 17 ރުފިޔާއަށް މަސްކިލޯ ބޮޑު ކުރިއިރު އެސްޓީއޯއިން ޑީސަލް ލީޓަރަކުން 21 ޖެނުއަރީ ގައި 60 ލާރި، 13 ފެބްރުއަރީ ގައި 60 ލާރި ވަނީ ބޮޑުކޮށްފަ pic.twitter.com/DyasjYmkFI
— Faihath (@faihath) March 3, 2022
އެސްޓީއޯއިން ވަނީ، ޑިސަލް ލީޓަރަކުން 21 ޖެނުއަރީ 2022 ގައި 60 ލާރި އަދި 13 ފެބްރުއަރީ 2022 ގައި ވެސް 60 ލާރި ބޮޑުކޮށްފައިކަންވެސް ފައިހަތުގެ ޓުވީޓުގައި ފާހަގަކޮށްފައިވެއެވެ.
ފައިހަތު މިހެން ބުނެފައިވަނީ، މިމަހުގެ 1 ވަނަ ދުވަހު އެސްޓީއޯއިން މަސްގަންނަ އަގު ބޮޑުކުރި އިރު ކިލޯއަކުން 1 ރުފިޔާ ބޮޑުކޮށްފައިވީ ނަމަވެސް ތެލުގެ އަގު ބޮޑުކޮށްފައިވުމުން މަސްވެރިންނަށް އެކަމުގެ ސަބަބުން އެއްވެސް އިތުރު އާމްދަނީއެއް ނުލިބޭނެ ކަން ފާހަގަކޮށްފައެވެ.
އަގަށް އަލަށް ގެނައި ބަދަލާއިއެކު އައިސް އަޅާފައިވާ 1.5 ކިލޯއަށް ވުރެ ބޮޑެތި މަސް ގަންނާނީ 17 ރުފިޔާ އަށެވެ. އެސައިޒްގެ އައިސް ނާޅާ މަސް ގަންނާނީ 16 ރުފިޔާ އަށެވެ. 1.5 ކިލޯއަށް ވުރެ ކުދި އައިސް އެޅި މަސް ގަންނާނީ ނުވަ ރުފިޔާ އަށެވެ. އެސައިޒްގެ އައިސް ނާޅާ މަސް ގަންނާނީ ހަތް ރުފިޔާ އަށެވެ. މިފްކޯއިން މިހާތަަނަށް 1.5 ކިލޯއަށް ވުރެ ބޮޑެތި މަސް އައިސް އަޅާފައި ހުރިނަމަ ގަންނަމުން އައިސްފައިވަނީ ކިލޯއެއް 16 ރުފިޔާއަށެވެ.